ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި 'އެކްސްޕެޓް ސިސްޓަމް' ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ވުޒާރާއިން ޢާންމުކޮށްފައިވާ ލިސްޓުގައި ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކުރައްވާފައެވެ.
އަދި މިނިސްޓަރ ވަނީ ބައެއް ކުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ފީ ދައްކަން ޖެހޭކަން ފާހަގަކުރައްވާ އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން ޢަމަލުކުރުމަކީ ގަވައިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ދެކިވަޑައިގަންނަވައެވެ.
"ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން މިހާރު މިނެގޭ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް. ވަޒީރު ޢަލީ އިޙްސާން"
މިނިސްޓަރ ވިދާޅުވީ ބިދޭސީންނާ ގުޅޭ ބައެއް ފީތައް، މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.