ތާޖުއްދީން ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ

`

ތާޖުއްދީން ސްކޫލްގެ އިނާމުދިނުމުގެ  ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ  އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(07 މާރިޗް 2024)

 

ފަލާހާ ކާމިޔާބު އިންސާނުންނަށް މިންވަރު ކުރެއްވި ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާ ޝުކުރުކުރަން. ކާމިޔާބު ޙާސިލި ކުރާނެ އެންމެ ރަނގަޅު ގޮތްތަކާ އަދި ކާމިޔާބު ޙާސިލު ކުރާ ފަރާތްތަކަށް އެންމެ ރަނަގަޅަށް އަގުވަޒަން ކުރަންވީގޮތުގެ ފުރިހަމަ ނަމޫނާ މިއިންސާނިއްޔަތަށް ދެއްކެވި މުޙައްމަދު ރަސޫލުﷲ  ގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

ސުކޫލްގެ ޕްރިންސިޕަލް ، ޑެޕިއުޓީ ޕްރިންސިޕަލުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޢިއްޒަތްތެރި ވެރިން، ވަޑައިގެންތިއްބެވި އެއްމެހާ ޢިއްޒަތްތެރިން، މިއަދުގެ ޝަރަފްވެރި ދަރިވަރުންގެ އެއްމެހާ ލޮބުވެތި ޢިއްޒަތްތެރި ބެލެނިވެރިން، އަދި މިރޭގެ އެންމެ ޝަރަފްވެރިކަމުގައިވާ އިނާމު ހާސިލުކުރަމުންދާ  އަދި މިތަނުގަ ތިއްބެއްވި އެންމެހާ ދަރިވަރުން.

السلام عليكم ورحمة الله وبركاته. 

އާދެ! އަޅުގަނޑު ހަނދާނަށް އަންނަނީ މީގެ 22 އަހަރު ކުރި. ގްރޭޑް 10 އެއް ނިންމާފަ އަޅުގަނޑުވެސް ހަމަ މިފަދަ އިނާމުދިނުމުގެ ހަފްލާއެއްގައި އިނާމު ލިބިގަތުމަށް ކެތްމަދުވެފަ އަވަހަށް އެޝަރަފްވެރި މެހްމާން ވާހަކަ ދެއްކުން ނިންމާލާނެ ކަމަށް އުއްމީދު ކޮށްގެން ހުރި ހަފްލާއެއް. އާދެ! އަދި މީގެ އެތަށް ހަފްލާއެއްގައި އަޅުގަނޑަށް ބައިވެރިވެވިފަ، ތެދަށް ދަންނަވާނަމަ އެއްވެސް ޝަރަފްވެރި މެހްމާނަކު ދެއްކެވި ވާހަކައެއް މިހާރަކު ހަނދާނެއް ނެތް. އެހެންނަމަވެސް އަޅުގަނޑު މިއަދު ތިކުދީންނަށް ހަނަދާން ހުންނާނެވަރަށް ގަސްދުކުރަން ތިން ވާހަކައެއް ކިޔާދޭން. މި ތިންކަމުގަ ތިކުދިން ހިފަހައްޓައިގެން ކުރިއަށް ގޮއްސި ކަމުގައިވާނަމަ މީގެ 22 އަހަރުފަހުން ދިވެހި ދައުލަތުގެ ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން   ތިއިން ކުއްޖަކު އައިސް  ތާއްޖުއްދީން ސްކޫލުގެ ޕްރައިޒްޑޭގެ ޝަރަފްވެރި މެހްމާންކަން ކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ހިނގައިދާނެ.

އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާލަން ތިކުދިންނަށް ލިބޭ  ތައުލީމީ ފުރުޞަތުގެ ބޭނުން ވަރަށް ރަނަގަޅަށް ކުރައްވަންވާނެ. އަޅުގަނޑު އޭ ލެވެލް ނިންމާލާފަ ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ދިޔައިން ޔޫއެސް މިލިޓްރީ އެކަޑަމީއަށް ގޮސް އެތަނުގަ ފުރަތަމަ އަހަރު ނިންމާފަ ދެވަނައަހަރު މިއަންނަނީ އެކުއްޖަކު ބޭނުންވާ ދާއިރާއެއް ޗޫސްކުރަން. ޑިގްރީ ހަދާނީ ކޮން ދާއިރާއަކުންތޯ ޗޫސްކުރަން. އެވަގުތު އަޅުގަނޑު ހިތަށް އެރީ ސިފައިންގެ ދާއިރާގަތާއޭ މިއުޅެނީ އެހެންވީމަ ޢަޅުގަނޑުނެގީ ޑިފެންސް އެންޑް ސްޓެޓީޖިކް ދާއިރާ އިން ބެޗްލާ އޮފް ސައިންސް ޑިގްރީއެއް ހަދަން. ޖެހިގެން އައިދުވަހު ސިފައިންގެއިން އަޅުގަނޑަށް ލިބުނު މައުލޫމާތެއް ދެ ޑިގްރީއޮތް މީހެއް ވެއްޖެއްޔާމުން އިތުރަށް މުސާރަލިބޭ ވާހަކަ. އޭރުގަ ލިބޭނެ މުސާރައިގެ 15 އާއި 30 ފަސެންޓް އަޅުގަނޑު ހަނދާންވަނީ. އިތުރު އެލަވަންސެއް ލިބޭ ދެވަނަ ޑިގްރީއެއް އޮވެއްޖެއްޔާ. އަޅުގަނޑު ހިތަށް އެރީ މީރަނަގަޅު ފުރުސަތެކޭ. ދެން އަޅުގަނޑު އެކަޑަމީއިން ބަލާލައިފިން ދެ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮތްތޯ އެއްފަހަރާ. އެކޮޅުން ބުނީ ކުރެވިދާނެ ކަމެކޭ. އެކަމަކު ވަރަށް އުނދަގޫ ކަމެކޭ. އެތާ ތިބި 4000 ކުދިންގެ ތެރެއިން ގާތްގަނޑަކަށް ފަސް ވަރަކަށް ދިހަވަރަކަށް ކުދިން އެކަންކުރޭ. އެހެންވީމަ ބޭނުމިއްޔާ އެކަން ކުރެވިދާނެއޭ. ދެން އަޅުގަނޑު ބުނިން. ކުރައްންޏާ ކޮބާހޭ ގެއްލުމަކީ. ވަގުތު ނޮއޮންނާނެ ކަމަށް ވިދާޅުވީ. އެއްވެސް ހުސް ވަގުތެއް އެހެންކުދިންނަށް ދުވާލު ލިބޭ ގަޑި ދެގަޑި އިރުވެސް ދެ ޑިގްރީއަށް ކިޔަވާ ކުއްޖަކަށް ނޮއޮންނާނެކަމަށް. އެހެންނަމަވެސް އަޅުގަނޑު ހިތަށް އެރީ އެފުރުޞަތުގެ ބޭނުން ކުރާނީއޭ. އަޅުގަނޑު ކިޔެވީ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާއިން ދެވަނައަށް. އެހެންވީމަ ދެ ދައިރާއިން ބެޗްލާސް ޑިގްރީ ހަދައިގެން ގްރެޖްއޭޓް ވެގެން 2010 ވަނައަހަރު  ސިފައިންގެ އަށް ޖޮއިން ކުރިއިރުގަ އެއްކަލަ ޕޮލިސީ ބަދަލު ވެއްޖެ. މުސާރައެއް ނުލިބޭ ބޮޑުކޮށް. އެއްޑިގްރީ އޮތްމީހެކޭ ދެ ޑިގްރީ އޮތް މީހެކޭ އެއްވެސް ތަފާތެއްނެތް. އަދި އެއަށްވުރެ މާގޯސް ޑިގްރީ ހެދުން ނުވި އެއްވެސް އެއްޗަކަށްވެސް. އޭރުގަ ޑިގްރީއަކީ އަސާސީ ތަޢުލީމް. އަޅުގަނޑުމެން އެންމެ ފުރަތަމަ އިނީޝިއަލީ ސިފައިންގެއަށް ވަދެގެން އައިއިރު ޑިގްރީއަކާ އެއްކޮށް ވަންނަމީހަކަށް ދެ ފަތްލިބޭ. އަޅުގަނޑުމެން ޑިގްރީހަދައިގެން އައިމަބުނީ އެކަން ހުއްޓިއްޖެއޭ މިހާރު.  މިހާރު މާސްޓަރސް ހަދައިގެން އައިމައޭ ދެފަތްލިބޭނީ. އަޅުގަނޑު ހޯދަން ފަށައިފިން މާސްޓަރސްއަށް ދެވޭނެ ފުރުސަތެއް. މިހެންހުއްޓާ 2015 ވަނައަހަރު ސިންގަޕޯރުގެ ނަންޔަންގ ޓެކްނޮލަޖިކަލް ޔުނިވަރސިޓީއަށް ސިޓީއައެއް ލައިގެން އުޅެނިކޮށް އެމީހުން ބުނެފި މިތަނުން ލިބިދާނެއޭ ސްކޯލަރޝިޕެއް. އެކަމަކު އަދި އިހްސާން އުމުރުން އަދިއެވަރު ނުވެއޭ. މިތަނަށް އާދެވޭ ވަރަށް. އެވަރުގެ އެކްސްޕީރިއަންސެއް ނެތޭ. ދެން އަޅުގަޑު ކުރި މަސައްކަތްތަކާ ސިފައިންގޭގަ ކުރި ތަޖްރިބާތަކާ އެކަޑަމީގެ ކުރި ތަޖްރިބާ ތަކުގެ ލިޔުމެއް ފޮނުވައިފިން. ފޮނުވީމަ ބުނެފި ތި އެކްސްޕީރިއަންސްތަކަށް ބަލާފަ އެހެންވީމަ ފޭވަރއެއް ދެވިދާނެއޭ. ދެން އަޅުގަނޑު ކިޔެވީ މާސްޓަރސް އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން. ދުވަހަކުވެސް ސިފައިންގެއާ ގުޅުންހުރި ދާއިރާއެއްނޫން. އެހެންނަމަވެސް އެކަޑަމީ ހަޔާތް ނިންމާލާފަ ސިފައިންގެ ހަޔާތް ނިންމާލާފަ އަޅުގަނޑަށް ޖެހުނީ ރާއްޖޭގައި ހުރި އެންމެ ބޮޑެތި ވިޔަފާރިތަކާ ހަވާލުވާން. އެއްކަލަ ބިޒިނަސް އެޑްމިނސްޓްރޭޝަން އިން މާސްޓަސް ޑިގްރީ ކުއްލިއަކަށް އައިސްސިއޭ ހަމަ ވަރަށް ހޭންޑިވެގެން. އެހެންވީމަ ތިކުދިންނަށް ހަޔާތުގަ ލިބޭނެ މި ގޮތަށް ތަޢުލީމު ހޯދާލަން ލިބޭ އޮޕަޗުނިޓީސް މިއެއްޗެހި ސީސް ކުރަންވާނެ. ފެންބޮވައިގެންފަ ތިބެންވާނީ މިފަދަ ފުރުޞަތުތައް އަތުލައިގަންނަން. މީ ތަޅައި ފޮޅައިގެންވެސް ހޯދަންޖެހޭ ކަހަލަ ފުރުސަތުތައް. ތި ކުދިން ނިކުންނަ އިރުގަ މިނޫންގޮތަކަށް މިއެއް ނުލިބޭނެ.  ސަބަބަކީ  ބައިވަރު ކުދިން ވަރަށް ކިޔަވާ މިހާރު. ކޮންޕެޓިޝަން ވަރަށް ސްޓްރޯންގްވާނެ. ވަރަށް އުނދަގޫވާނެ. ދެން އެއްކަލަ ދެ ޑިގްރީ ހަދައިގެން މުސާރަ ނުލިބުނު ތަންކޮޅު ވަރަށް ދެރަވެފަތާހުރީ. ހުއްޓާ މިދިޔަ ރިޔާސީ އިންތިޚާބު ނިންމާފަ ޑޮކްޓަރ މުޙައްމަދު މުޢިޒް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑަށް ދެއްވި ފުރުސަތަކީ. ދިވެހިރާއްޖޭގެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއާ ހަވާލުވާން. އެއްކަލަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކިޔެވި ހުރިހާ އެއްޗެއް. މިހާރު އެފޮތްތަކާ އެއްޗެއްސެއްދާން އަޅުގަނޑު އެބަހުޅުވަން. ދިވެހިރައްޖޭގެ ޓެކްނޮލަޖީ ސެކްޓަރގެ ކަންތައްތައް ޑިޒައިން ކުރަންވީ ގޮތް ކަނަޑައެޅުމަށްޓަކައި. އެހެންވީމަ އެއްވެސް އިރެއްގައި އެކުއްޖަކަށް ލިބިދޭ ތައުލީމަކީ ބޭކާރު ވާނެ އެއްޗެއްނޫންކަން އަޅުގަނޑު މީ އެކަމުގެ އަލިގަދަ ހެއްކެއް. އެހެންވީމަ އަޅުގަނޑުގެ ފުރަތަމަ ނަޞޭޙަތަކީ ތިކުދިންނަށް ތަޢުލީމު ހޯދައިގަތުމުގަ ސީސް ކުރާށޭ ލިބޭ ކޮންމެ އޮޕަޗުނަޓީއެއް.

ދެވަނަ ވާހަކައަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހުވަފެންތައް ބޮޑަށް ދެކެންވީ. އަތްލާން ބޭނުންވާން ޖެހޭނީ ތަރިތަކުގަ. އެއަށްވުރެވެސް މައްޗަށް ޓާގެޓް ކުރަންވީ. އަދި ހުއްޓާ ނުލާންވީ ކުއިޓް ނުކުރަންވީ. ތި ކުދިންގެ ހަޔާތުގައި ސެޓް ކުރާ އޮބްޖެކްޓިވްއާ ދިމާލަށް ދާއިރުގައި ވަރަށް ބައިވަރު ފެއިލިއަރސް ކުރިމަތިވާނެ. ކަނޑައެޅިގެން އަޅުގަނޑަށް ތިކުދިންނަށް ޔަގީން ކޮށްދެވޭނެ ކަމަކީ ޔޫސް އޭޒްވެލް އެޓް ސަމް ޕޮއިންޓް އިން ޔުއަރ ލައިފް. އަޅުގަނޑު އެންމެ ފުރަތަމަ ޕްރިފެކްޓަކަށް ކުރިމަތިލީ ދުވަހު އޭގެ ކުރީރޭ ގެއެއްގެ ގަހުން އަނބު ބިދެގެން. ޕްރިފެކްޓް ކަން ނުލިބުނު. އެއް އަހަރު ވަންދެން އަނެއްކާވެސް ކަޅު ފަޓްލޫން ލައިގެން ޕްރިފެކްޓް ކަން ނުލިބި އުޅެންޖެހުނީ. ސީއެޗްއެސްސީ އަށް އައިސް ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލީމަ އެކަންވެސް ނުލިބުނު. އޭރުގަ އަޅުގަނޑު ބައްޕަ ދެން އެހާ ވަރުގަދަ މީހެއްނޫން. އެހެންވީމާ އެކަން ވަރަށް ދެރަކޮށްދިޔައީ. ހަމައެއާ އެކުގަ އެކަޑަމީއަށް ގޮއްސިން. ގޮއްސަ އެތަނުން މަޖުބޫރުވި ފިޒިކަލް ފިޓްނަސް ކޮންޕޯނަންޓްގެ ތެރެއިން ބޮކްސިންގ ކުލާހުގަ ބައިވެރިވާން. އެންމެފުރަތަމަ އެތަނަށް ދިޔަ ދުވަހު އަޅުގަނޑަށް ފެނުނު މަންޒަރަކި އެތަނގެ ކޮމާޑަރަކަށް އަޅުގަނޑުމެން ކުރިމައްޗަށް ނިކުން މީހެއް. އަޅުގަނޑު މިހާރުވެސް ހަނދާންހުރޭ އެއީ ކެޑޭޓް ކެޕްޓަން ޑެނިއަލް ހައިޑް ކިޔާމީހެއް. ނިކުތް އިރު އޭނަގެ ޔުނިފޯމުގައި ބައިވަރު ފީތާތަކާއެއްޗެހި ޖަހާފަހުރީ. އަޅުގަނޑު ހިތަށްއެރީ މީނައަށް ވާނެނަމަ ކިހާ ރަނަގަޅޭ. ކޮންމެހެންވެސް މީނައަށް ވާންޖެހޭނެއޭ. ދެން ބަލާލިއިރު އަޅުގަނޑުމެން ތިބީ އިސްކޮޅު ތަރުތީބުން ސަފުހައްދާފަ. 1200 މީހުން ސަފުގަ އަޅުގަނޑުގެ އިސްކޮޅު ޖެހުނީ އަންހެން ކުދިންގެ ލައިންގަވެސް ފުދޭވަރަކަށް ދުރަށް ދެވުނު ހިސާބުން. ދެން އެތާހުރެ މިހެން ބަލާލާއިރުގަ އެއްކަލަ މީހާއަށް ވާންވެގެން ތިބިމީހުން މިތިބީހުސް. އޭރު އެކުލާހުގަ އަޅުގަނޑުމެންނާއެކު ތިބި 1200 އެމެރިކާ ކުދިންނާ 10 އެހެން ގައުމުގެ ކުދިންނާ. އެންމެންވެސް ބަލަނީ އެތަނުގެ ކޮމާންޑަރަކަށް ވޭތޯ. އެކޮމާންޑަރުކަމަށް ދަންޏާ މަޖްބޫރު ކުލާހެއް އިނދޭ ބޮކްސިންގ ކުލާސް. ގާތްގަނޑަކަށް ތިންމަސް ދުވަހުގެ ކުލާހެއް އެއީ. ކޮންމެ ހަފްތާއަކު ތިން ސެޝަނަށް ދާންޖެހޭ. އަޅުގަނޑުގޮސް ވެއިޓް ކްލާހުން ބަލާލިއިރު އަޅުގަނޑާ އެއްވަރުގެ މީހަކު ނުވެސް ނެތް. ދެން ތަޅަން އެންމެ ކުޑަކޮށް ހުރިމީހާވެސް މިހެންހަދާފަ ބަލަން މިޖެހެނީ. އޭނަ ހަމަ ކިހާވަރަކަށް އަނިޔާ ކޮށްލާނެ އެހެންވީމަ. ގާތް ގަނޑަކަށް 40 ލެސަން އިންނަނީ. އަޅުގަނޑު ހިތަށް އެރީ ކޮންމެ ވަރަށް ވިއަސް، ބައެއް ދުވަސްދުވަހު ނޭފަތުން ލޭއަންނާނެ. އަނެއްބައިދުވަހު ބޯއަނބުރައިގަންނާނެ. 40 ކުލާހެއް ނޫންހޭ ދާނީ 38 ވަނަ ކުލާހުގައި އަޅުގަނޑުގެ އިނގިލި ބިންދައިގެންދިޔައީ. 38 ވަނަ ކުލާހުގައި. ފައިނަލް ސެޝަންއަކަށް އެމީހުން ހުއްދައެއް ނުދިން. އަޅުގަނޑަށް އޮތީ ދެ ޗޮއިސްއެއް. އެއްޗޮއިސްއަކީ އެއަހަރުގެ ސަމާ ޓައިމްގަ ލިބޭ ޗުއްޓީގަ މާލެ ނައިސް ރިމީޑިއަލް ކުލާހެއްގެ ގޮތުގައި އަނެއްކާވެސް ބޮކްސިންގ ކުލާހެއް ނަގަން. ނޫނީ އެއްކަލަ ކޮމާންޑަރުކަމަށް ދެވެން އޮތް ފުރުސަތު ދޫކޮށްލަން. އަޅުގަނޑު ހިތަށް އެރީ ކޮންމެގޮތެއް ވިއަސް 4 އަހަރު މިތާ ހުންނަން ޖެހޭއޭ. އެހެންވީމަ ބޮކްސިންގ ކުލާހަށޭ ދާނީ. ޗުއްޓީ ކަޓުވާލާފަ ބޮކްސިންގ ކުލާހަށް ދިއައީ. އެފަހަރު 15 ވަނަ ލެސަންގަ އަނެއްކާ އިނގިލި ބިންދައިގެން ދިޔައީ. ދެން އެމީހުން ބުނީ މިކުލާސް އެހެންވީމަކާ ނުނެގޭނެޔޭ ދެނެއް. ދެން އަޅުގަނޑު ބުނެފިން އަނެއްދުވަހުގޮސް މިހާރު އިނގިލި ވަރަށް ރަނގަޅޭ. ހިނގާށޭ ކުރިއަށް ގެންދަމާ. ވަރަށް އަނިޔާ ވަމުންގޮސް އެއްކަލަ 40 ކުލާސް ނިންމީ. ހުއްޓައެއް ނުލަމޭ. މާތްކަލާނގެ އިރާދަފުލާއެކު 2010 ވަނަ އަހަރު އެމެރިކާގެ އެކަޑަމީގެ 4000 ސިފައިންގެ ކޮމާންޑަރަކަށް އެންމެ ފުރަތަމަ ފަހަރަށް އެމެރިކާއިން ބޭރުމީހަކަށް އެފުރުސަތު ލިބުނީ އެއީ އަޅުގަނޑަށް. ދިވެއްސެއް ތިކުދިން ކަހަލަ ދިވެއްސެއް. 222 އަހަރު ،އެމެރިކާގެ އެކަޑަމީގެ ތާރީޚުގަ އަދި އަދަށް ދާންދެން އެއްމެ ދިވެއްސެއް.  އެހެންވީމަ  ތިކުދިން ހުވަފެނެއް ދެކެފިއްޔާ މި ގޮތަށް ގަދަކަމުން އޭގަ ހިފައިފިއްޔާ މާތްކަލާނގެ އިރާދަފުޅާއެކު ކާމިޔާބުވާނެ.

ފަހުކަމަކަށް އަޅުގަނޑު ތި ކުދިންނަށް ދަންނަވާލަން ބޭނުންވަނީ ސްކޫލްގަ އުޅޭ ދައުރުން ފެށިގެން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައްޗޭ. އެއީ ތައުލީމީ ފުރުސަތުގެ ވާހަކައެއްނޫން. ފުރަތަމަ މި ދެއްކީ ތައުލީމީ ވާހަކަ ދެން މިދައްކަނީ އެހެނިހެން ކަންކަމަށް ލިބޭ ފުރުސަތު. ޕްރިފެކްޓަކަށް ކެޑޭޓަކަށްވާން. ސްކޫލްގެ ލީޑަރޝިޕްގައި އުޅެން. ސްކޫލްތަކުގެ އެކްޓިވިޓީސްތަކުގަ ބައިވެރިވާން. އެކިއެކި ކުޅިވަރުގަ ބައިވެރިވާން. އެހެނިހެން ހަރަކާތްތަކުގަ ބައިވެރިވާން. އެލިބޭ ކޮންމެ ފުރުސަތެއް ދޫކޮށް ނުލައްޗޭ.

މި ދެންނެވި ޔޫއެސް އެކަޑަމީއަށް އެޕްލައިކޮށްގެން އުޅުނުއިރު ރާއްޖޭގެ 75 ކުދިން އެޕްލައި ކުރި . ކުރި އިރުގަ އޭގެ ތެރެއިން ނުވަދިހަ އިންސައްތަ ކުދިން ތައުލީމީ ގޮތުން އަޅުގަނޑަށް ވުރެ ރަނަގަޅު. އެކަމަކު އެހެނިހެން ކަންކަމުން އަޅުގަނޑުމެންގެ އެކަޑަމިކް ސެޓްފިކެޓާއެކު ދެން ސްކޫލް ލީވިން ސެޓްފިކްޓްވެސް ދެގަނަޑަށް ސީއެޗްއެސްސީގަ ޗާޕްކުރި . އަޅުގަނޑަށް އެނގިފަ އޮތްގޮތުގަ ސީއެޗްއެސްސީގެ ދެގަނޑަށް ލީވިން ސެޓްފިކެޓް ޗާޕް ކުރި ކުއްޖަކީ ހަމައެކަނި އަޅުގަނޑު. ކޮށްފަހުރި ކަންތައްތައް ގިނައީ. ސްކޫލުން ބުނީ އެއްބައި ކަންތައް މަދުކޮށްލަންވީ ނޫންހޭ އެއްގަނޑަށް ސެޓްފިކްޓް ޕްރިންޓް ކުރަން. އަޅުގަނޑުބުނިން އޭރުން ކަމަކު ނުދާނެނޫންހޭ. ތި ނުފެންނާނެ ނޫންހޭ މީހަކަށް. އެހެންވީމަ ދެ ގަނޑަށް ވިއަސް ކުރަންށޭ ޖެހޭނީ. އެއެކްޓިވިޓީ ތަކުގެ އަލީގަ އިންޓަރވިއުކުރަން އައި އެމެރިކާ ސިފައިންގެ އޮފިސަރު ބުނީ މިހުރިހާ އެންމެނާ ތަފާތޭ އިހްސާން އެއީ ކީއްވެގެންތޯ. ތިހާ ޅައުމުރުގައިވެސް އަދާކޮށްފަހުރި ލިބިފަހުރި އެކްސްޕީރިއަންސްންނޭ.  ތި ކުދިންނަށް ވެސް ލިބޭނެ ގާތްގަނޑަކަށް 10އެއް ނިންމާލި ކުދިންނަށް 06 މަސް ލިބިދާނެ އޭލެވެލް އާ ދޭތެރޭ އޭލެވެލް ނިންމާލާފަ ވަޒީފާއަށް ދިއުމާ ދޭތެރޭގަ ނުވަތައަނެއް ކޯހަށް ދިއުމާ ދޭތޭރޭ ލިބޭ ކޮންމެ ދުވަހަކީ އެކްސްޕީރިއަންސް ކުރަން ލިބޭ ފުރުސަތެއް. އަޅުގަނޑު ހަޔާތުގައި އަންއެންޕްލޮއިޑްކޮށް ނުދޭ އެންމެ ދުވަހެއްވެސް އޯލެވެލް ހެދިފަހުން. ކޮންމެވެސް ތާކަށް ކޮންމެވެސް ދިމާލަކަށް ވަދެ ގަނެގެން. މީހެއްގެ ފަރާތުން ވަޒީފާއެއް ހޯދޭތޯ ބަލަނީ. ތިކުދިން ހަޔާތުގަ އެއްމެ ދުވަހެއްވެސް މިއަދުން ފެށިގެން ވޭސްޓް ކޮށްލައިގެންނުވާނެ.

އަޅުގަނޑު އެގޮތަށް މަސައްކަތް ކުރި އިރުގަ 2004 ވަނަ އަހަރު ދިމާވަނި ސުނާމީ ކާރިސާ. ގޭގަ ތިއްބާ އޭރު ސިއެޗްއެސްސީގެ 12 ގަ ތިބީ. ގޭގަ ތިއްބާ މިހާދިސާ ދިމާވީމަ އަޅުގަނޑމެން ތެދުވެގެން ދިޔައީ. އަދި ދެތިން ކުދިންނާއެކުގަ އިސްކަންދަރު ސްކޫލަށް. އޭރު އެންމެ ފުރަތަމަ ވަގުތީގޮތުން ޑިޒާސްޓަރ މެނޭޖްމަންޓް ހެދިތަން އެއީ. އެތަނަށް ގޮއްސަ އޭރުގެ ޕްލޭނިންގ މިނިސްޓަރ އަޅުގަނޑު ހަނދާންވަނީ މިނިސްޓަރ ހަމްދޫނު ޙަމީދު އެތާ ހުންނެވީ އެތަނަށް ގޮސްއަ އަޅުގަނޑު ދެންނެވިން މިތާ ނެއްހޭ އަޅުގަނޑުމެން ކަހަލަ ކުއްޖަކަށް ކުރެވޭނެ މަސައްކަތެއް. ދެން ބުނީ ކޮންކުއްޖެއްހޭ ތީ. އަލުގަނޑު ބުނިން ސީއެޗްއެސްސީގަ ކިޔަވާ ކުދިންނޭ މީ އަޅުގަނޑާ ދެތިން ކުއްޖަކު ދިޔަ އަލުގަނޑުމެން އޭރުގަ ހަވާލުވީ މަރުވެފަވާ މީހުންނާ ގެއްލިފަވާ މީހުންގެ ސްޓެޓިސްޓިކްތައް ބެލެހެއްޓުމުގަ. ސްކޫލަށްގޮސްއަ ކޮންމެ ދުވަހަކު އައިސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުގަ. ފަހުން އެތަން ސޯޝަލް ސެންޓަރަށް ބަދަލުވިފަހުންވެސް އެތާނގަ މަސައްކަތް ކުރެވުނު. އެއެކްސްޕީރިއަންސްގަ އަޅުގަނޑަށް މޯޓިވޭޝަން ލިބުނީ ސިފައިގެއަށް ވަންނަންވެސް. އެހެންވީމަ ތި ކުދިންނަށް ލިބޭނެ ހަޔާތުގައި މިފަދަ އާދަޔާ ޚިޅާފު ފުރުޞަތުތައް. ބައެއްފަހަރު އެފަދަ ފުރުޞަތުތައް ހޯދަންޖެހޭނީ އަތުގަ ހުންނަ ބައެއް އެއްޗެހި ގެއްލިގެން. އަޅުގަނޑު މިއޮތްހާ ދުވަހު މިމަގާމާ ހަވާލުވުމުގެ ކުރިންހުރި ވަރަށް ރަނގަޅު ވަޒީފާއެއްގައި މިހާރު ލިބޭ މުސާރައަށް ބަލާއިރު މީގެ ގާތްގަނޑަކަށް ތިންގުނައަށް މުސާރަވެސް ބޮޑު. އަމިއްލަ ވިޔަފާރިކުރެވޭ. ބޭނުން އިރަކު އާއިލާއެކު ވަގުތު ހެދަކުރެވޭ ބޭނުންއިރަކު ޗުއްޓިއަށް ދެވޭ. މިހެން ހުއްޓާ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ތިހުރިހާ ޗުއްޓީތައް ހުއްޓާލާފަ ގެއަށްވެސް ނުދެވޭ ގޮތަށް އާއިލާމީހުން ވަރަށް ރުޅި އަންނަ ކަހަލަ ވަޒީފާއެއް ދޭންށޭ މިއުޅެނީ. ގަބޫލުކުރާނަންހޭ. ތިބި ހުރިހާ ވިޔާފާރިވެސް ދިޔައީ. މުސާރަވެސް ކުޑަވީ. އެކަމަކު ރައީސް ދެއްވީ ފުރުސަތެއް. އެ ފުރުސަތަކީ ދިވެހިރާއްޖޭގަ އޮތް މަސްތުވާ ތަކެތީގެ މާހައުލު ނައްތާލުމަށާއި،  ރާއްޖޭގެ މިކުރާ ގޭންގުތައް ހުއްޓުވުމަށާއި، ރާއްޖޭގަ މިއޮތް ގަވާއިދާ ޚިލާފަށް އުޅޭ ބޭރުމީހުންގެ މައްސަލަ ހައްލުކުރުމަށް.

މީފުރުސަތެއް. ހާޔާތުގައި ދުވަހަކުވެސް ނުވާކަންކަން އަޅުގަނޑަށްވެސް ވަރަށް އުނދަގޫވާކަން ކަން. މީހުންނަށް އެއްޗެހި ކިއުން. ކީއްވެގެންހޭ މި މީހުން މިކަން ހައްލު ނުކުރަނީ. މިއަދު އެފުރުޞަތު ލިބުނީމަ އެހޯދީ. ތި ކުދިންގެ ހަޔާތުގައިވެސް އަންނާނެ މިފަދަ ފުރުޞަތުތައް ހޯދަން.  ސްކޫލް ދައުރުގަވެސް ސްކޫލް ނިންމާފަވެސް. އަދި ފަހުންވެސް. މިފަދަ ފުރުޞަތުތައް ހޯދަން. ބައެއްފަހަރު ފުރުޞަތުތަކަކީ އަތުގަ ހުންނަ އެއްޗެހި ދޫކޮށްލާފަ ހޯދަންޖެހޭނެ އެއްޗެހި. އެހެންނަމަވެސް އެއީ ލައިފް ޓައިމް އެކްސްޕީރިއަންސް. މީގެ ވަރަށް ދުވަސް ފަހުން ތިކުދިން އެޕްރިޝިއޭޓް ކުރާނެ. މިފަދަ ފުރުޞަތުތައް ނެގުނު ކަމަށްޓަކައި.

އިއްޒަތްތެރި ލޮބުވެތި ޓީޗަރުން. ތިޔަ ލޮބުވެތި ޓީޗަރުންނަކީ މިކުދިންނަށް އަދި މިގައުމަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ޓީޗަރުން. އަޅުގަނޑު ހިތުގައި ޚާއްޞަ ގަދަރެއް ލިބިފައިވާ ބައެއް. މުދައްރިސުންނަކީ. އަޅުގަނޑު މިހާރުވެސް ރަށަށް އެރިއްޖެޔާ އެންމެ ފުރަތަމަ ވިޒިޓް ކުރާ މީހަކީ އަޅުގަނޑުގެ ގްރޭޑް1 ގެ ޓީޗަރު. ތި ހުރިހާ ކުދިންނަށްވެސް މިތިބަ ޓީޗަރުން ދަސްކޮށްދެއްވި ފިލާވަޅުތައް އަބަދުމެ އަޑުއައްސަވާތި. ޓީޗަރުން ތިބޭފުޅުން ތިކޮށްދެއްވާ އަގުހުރި ގައުމީ މަސައްކަތައްޓަކާ ފަށްފަށުން ޝުކުރު ދަންނަވަން.

ޢިއްޒަތްތެރި ލޮބުވެތި ބެލެނިވެރިން އަޅުގަނޑު މިހާރުވެސް އިލޮށިފަތްޗެއް ފެނިއްޖެއްޔާ ބިރުގަނޭ. އެއީ މަންމަ ކިތަށް އިލޮށިފަތިކަމަށްނޭގޭ އަޅުގަނޑުގެ ފަޔަށާ އަތަށާ ހުސްކޮށްލީކީ. އެހެންވީމަ ހާލަތުއަންނައިރުގަ އެނުރުހުމާ ހާލަތު އަންނައިރުގަ އަޅުގަނޑުމެން ރަނަގަޅުކުރަން ދައްކާ ވާހަކަތަކާ. މިތިބަ ކުދިންނަށް ދެއްވާ ނަޞޭޙައްތަކާ. އެކަމަށްޓަކާ ތިބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. ހަމައެއާއެކު އަޅުގަނޑު ފާހަގަ ކުރަން ބޭނުން މިކުދިން، ދެން މިދާ ހަރުފަތުން ތިބޭފުޅުން ކޮންމެވެސް ވަރަކަށް ދޫ ދެއްވަންޖެހޭނެ. ޕްރިންސިޕަލް ވިދާޅުވީ ހިފަހައްޓަވާށޭ. އަޅުގަނޑު ދަންނަވާނީ މިއުމުރަށް އައިސްއަ ދެން ކޮންމެވެސް ވަރަކަށް ދޫ ދެއްވައްޗޭ. އެކުދިން ބޭނުންވާ ދިމާލަށް ތައުލީމު ހާސިލު ކުރުމަށްދާން. އެކުދިން ބޭންވާ ގޯލްސް ލައިފްގަ އެޗީވްކުރަން. އެކުދިން ބޭނުންވާ ވަޒީފާތަކަށްދާން. ބޭނުންވާ އެކްސްޕީރިއަންސް ހޯދަން. އެފުރުޞަތު ދެއްވައްޗޭ. ބައެއް ބެލެނިވެރިންނަށް އުނދަގޫ ކަމަކަށް ވެދާނެ. އަޅުގަނޑު ހަނދާހުރޭ އަޅުގަނޑު އެމެރިކާގަ ކިޔަވަން ހުރެފަ އެއްދުވަހު މާލެގަޑިން އޭރު ރޭގަނޑު 11:30، 12 ޖަހަންއުޅޭނީ. އެމެރިކާ ގަޑިން އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް މެންދުރު ތިނެއް ޖަހާނީ. ގުޅާލާއިރަށް މަންމަ ބުނަނީ އަދިވެސް ނުނިދާ ކީއްހޭ ތިކުރަނީ. އަޅުގަނޑު ބުނެފިން މިހާރު ނިދައިފިއްޔާ މިތަނަށް ވަރަށް ބޮޑަށް މައްސަލަޖެހޭނެއޭ. މިތަނަށް މެންދު ތިނެއް ޖަހަނީއޭ. އެހެންވީމަ ބެލެނިވެރިން އެވަރަށް ލޯބިވާނެ. އިންތިހާއަށް ލޯބިވާނެ. އެކަމަކުވެސް މިއުމުރުފުރައަށް އައިސްއަ ދެން މިކުދިންގެ ހަޔާތުގަ ނަގަންޖެހޭ އެންމެ މުހިންމު ސްޓެޕްތައް ނަގަން އެދަނީ އެހެންވިމަ ދޫކޮށްލަން ޖެހޭނެ ކޮންމެވެސް ވަރަކަށް. ދާމަގު ކަށަވަރު ކުރައްވާތި. އެހެންނަމަވެސް ދޫދެއްވާތީ.

ލޮބުވެތި ދަރިވަރުން އަޅުގަނޑު ފަހު ނަޞޭހަތަކަށް ދޭނީ ތި ކުދިންނަށް މިއަދު ލިބިގެންއައި އިނާމުތަކަކީ އަދި ހަޔާތުގަ އެޗީވް ކުރަން އޮތް އެއްޗެހި ތަކުގެ ތެރެއިން ކުޑަމިންވަރެއް ތިކުދިން ހަޔާތުގަ އިނާމުދިނުމުގެ ޖަލްސާ ތައް އަދި އޮތީ ތިކުދިން ހަޔާތުގަ ކާމިޔާބު ހޯދަން ކުރަންޖެހޭ މަސައްކަތް  އަދި އޮތީ އެހްންވީމަ އެއްވެސް ކުއްޖަކު ފަހަތުފަޔަތް ބަރުނުވެ ހުއްޓާނުލާ ކުރިއަށް ދާންމަސައްކަތް ކުރައްވަންޖެހޭނެ.

އަޅުގަނޑުގެ ދުޢާއަކީ މާތްﷲ ސުބުޙާނަހޫ ވަތަޢަލާ  އަޅުގަނޑުގެ ލޮބުވެތި ދަރިންނަށާ މި ސުކޫލަށް އަދަށްވުރެ ފެހި ފަހި ފާގަތި މުސްތަގުބަލެއް ދެއްވުން. އަޅުގަނޑުގެ ދުޢާއަކީ މާތްﷲ ސުބުޙާނަހޫ ވަތަޢަލާ  ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމާ އަބަދުވެސް ކުރިއެރުން ލެހެއްތެވުން.

ކުރިއަށް ދިވެހި ގައުމު

والسلام عليكم ورحمة الله وبركاته.