ގައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު

      `

 

ގައުމީ އިނާމު ދިނުމުގެ  ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

)20 އޮކްޓޫބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ދިވެހިރާއްޖޭގެ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ ދެކަނބަލުން ، ކުރީގެ ރައީސް، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުން ، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން، ދައުލަތުގެ ޢިއްޒަތްތެރިންނާއި ޝަރަފްވެރިން، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން، މިރޭގެ މިއުފާވެރި ހަފްލާ އެބަޔަކަށްޓަކައި ޚާއްޞަކުރެވިފައިވާ ދައުލަތުގެ ޢިއްޒަތް އެރުވޭ ބޭފުޅުންނާއި ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނާއި ، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން އަދި މިޖަލްސާ ދުރާގާތުން އަޑުއައްސަވަމުން ބައްލަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން.

އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

 

ޝައްކެއްނެތް ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ގައުމުގެ ދަރީންގެ ހިތުގައި އޮންނަގައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމާއި ވަރުގަދަކަމުން. ގައުމަށް ކޮށްދެވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުން. ގައުމަށްޓަކައި ވަމުންދާ ދިފާޢީ އަދި ގައުމީ ގުރުބާނީ ތަކާ ފިދާ ތަކުގެ މަތިވެރިކަމުގެ ސަބަބުން.

އާދެ! މިރޭގެ މިޖަލްސާއަކީ ގައުމީ ރޫހު އާލާކުރުމުގެ ވިސްނުމުން ބަލާއިރު ވަރަށް ޚާއްޞަ ޖަލްސާއެއް. އެނގިވަޑައިގަންނަވާނެ ފަދައިން ކުރިން ގައުމީ އިނާމު ދެވެމުން ދިޔައީ ޖުމްހޫރީ ދުވަހުގެ ޖަލްސާގެތެރޭގައި. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ  އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ނިންމެވީ ގައުމުގެ ޝަރަފަށް ގައުމުގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހަނދާން އާކޮށް އެބޭފޫޅުންނަށް ގައުމީ އިނާމު ދޭންވާނީ ގައުމީ ދުވަހުގެ ޖަލްސާގައިކަމަށް.  އެނގިވަޑައިގަންނަވާނެ ފަދައިން މިއަހަރުގެ ގައުމީ ދުވަސް ރައީސުލްޖުމްހޫރިއްޔާ ވަރަށް ކުލަގަދަ ގޮތެއްގައި ގައުމީ ދުވަސް އެބަޠަލަކަށް ނިސްބަތްވެ ވަޑައިގަންނަވާ އައްސުލްޠާނުލް ޢާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ އުފަން ރަށުގައި ހއ. އުތީގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއްވި. އަދި އެއްއަށްފަހު އެމަނިކުފާނު ނިންމެވީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިފުރަ މާލޭގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށްފަހުގައި ގައުމީ އިނާމު ދިނުމުގެ ޖަލްސާއެއް ބޭއްވުމަށް. އާދެ! މިރެއަކީ އެޚާއްޞަ ޖަލްސާ. އެހެންކަމުން މިއުފާވެރި މުނާސަބަތުގައި ގައުމީ ތަފާތު އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް އިޚްލާސް ތެރިކަމާއެކު މަރުޙަބާ ދަންނަވަން. އަދި މިނިންމެވުން ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

ލޮބުވެތި ޙުޟޫރުން.  ގައުމީ ދަރިން ގައުމަށް ހޯދާދޭ ރީތިނަމަށް، ގައުމަށްޓަކައި ކޮށްދޭ ބޮޑެތި ޚިދުމަތްތަކަށް ގައުމަށް ހޯދާދޭ ޝަރަފާ ޢިއްޒަތުގެ އަގު ވަޒަންކޮށް ގައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމުލިބުމީ ގައުމީ ދަރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެފުރިހަމަ އެންމެ ޝަރަފްވެރި ކާމިޔާބު.

 

ލޮބުވެތި ޙުޟޫރުން.  ގައުމުތަކާ މުޖުތަމައަތަށް ތަހުޒީބާ ތަމައްދަނުގެ މަގުން ކުރިއަރާދަނީ ހަމައެކަނި އެގައުމުގެ ބިމުގެ ސަރަހައްދުގެ ބޮޑުކަމަކުންނޫން. އަދި ކިއެއް އެގައުމެއްގައި ދިރިއުޅޭ އާބާދީއެއްގެ ބޮޑުކަމަކުންވެސްނޫން. އެމުޖުތަމައެއްގެ އަފުރާދުންގެ އީމާން ކަމުގެ ސާފުކަމާ ސާބިތުކަމުން. އެބައިމީހުން ގަބޫލުކުރާ ހަމަތަކާ އުސޫލުތަކުގެ ވަރުގަދަކަމުން. ހޯދިފައިވާ އިލްމީ ގާބިލުކަމާ ހުނަރުގެ ފުރިހަމަކަމުން. އެބައެއްގެ ކިބައިގައި އަށަގެންފައިވާ މުރާލިކަމާ މަސައްކަތްތެރިކަމާ ހިތްވަރާ އަޒުމުގެ ވަރުގަދަކަމުން. ހަރުކުރެވިފައިވާ ރިވެތި އަޚްލާގީ ސިފަތަކުގެ މަތިވެރިކަމުން. އާދެ! އަޅުގަނޑުމެންގެ މިކުޑަކުޑަ ގައުމުގެ ބިމުގެ ސަރަހައްދު ކިތަންމެ ކުޑަ ނަމަވެސް  އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް މިމަތިވެރި ސިފަތައް އަށަގެންނެވިއްޖެނަމަ އަޅުގަނޑުމެންގެ ގައުމަކީ އެހެން ގައުމުތަކުގެ ކުރިމަތީގައި އަގުހުރި ނަމޫނާ މިސާލީ ބަޔަކަށް ވެވިދާނެ.

ލޮބުވެތި ޙުޟޫރުން.  އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަން މާތްވެގެންވާ އިސްދީނުގެމަތީ ޞައްޚަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާ އިސްތިގްލާލާއެކު އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގަ އެޅިފައިވާ ޒިންމާއެއް. ގައުމީ ޒިންމާއެއް އަދި ވާޖިބެއް. މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން. މުޅި މުޖުތަމައުގެ މަންފާއަށްޓަކައި އެންމެން ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މަގު ދައްކައިދެނީވެސް އެގޮތަށް. އާދެ! އެހެންވެ ޖާބިރުބުނި ޢަބުދުﷲ رضي الله عنه ، ރަސޫލުﷲ   ގެކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައިވޭ المُؤمِنُ يألَفُ ويُؤلَفُ ولا خيرَ فيمَنْ لا يألَفُ ولا يُؤلَفُ وخيرُ النَّاسِ أنفَعُهم للنَّاسِ  އާދެ! ރަސޫލުﷲ ޙަދީޘް ކުރައްވަނީ މުއުމިނަކީ އަނެކުންނަށް އޯގާވެރިވާ އަދި އަނެކުންގެ އޯގާވެރިކަން އެމީހަކަށް ލިބޭމީހެކެވެ. އަދި އެހެންމީހުނަށް އޯގާވެރިނުވާ އެހެންމީހުން އެމީހަކަށް އޯގާވެރިނުވާ މީހެއްގެ ކިބައިގަ ހެޔޮކަމެއް ނުވެއެވެ. އަދި އެންމެ ހެޔޮމުއުމިނަކީ މީސްތަކުންނަށް އެންމެ ފައިދާކޮށްދޭ މީހާއެވެ. އާދެ! ރަސޫލުﷲ މިޙަދީޘްގެ އެހެންރިވާޔަތެއްގައި އައިއްސަވޭ  احب الناس الى الله انفعهم الناس ﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވަގެންވާ މީހަކީ މީސްތަކުންނަށް އެންމެފައިދާ ކޮށްދޭމީހާއޭ. އާދެ! މިމަގުން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑުމެންނަކީ ކުރިއަރާދާ ގައުމެއްކަމުގައި ވާނެ. އަޅުގަނޑުމެންނަކީ މިސާލުހުރި ބައެއްކަމުގައިވާނެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަނަކީ އަމާން އޮމާން ފާގަތި ރައްކާތެރި ކާމިޔާބު މުޖުތަމެއްކަމުގައި މިންވަރު ކޮށްދެއްވާށި. މިއުފާވެރިރޭގެ ތަހުނިޔާއާއި މުބާރިކު ބާދީ ހުރިހާ ބޭފުޅުންނަށް އަރިސްކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.