ނ. ކުޑަފަރީ ޕޮލިސް ސްޓޭޝަން ހުޅުވުން

            `

 

ނ. ކުޑަފަރީ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

)19 އޮގަސްޓް 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ކޮމިޝަނަރ އޮފް ޕޮލިސް މުޙަޢްމަދު ހަމީދު، ނ. ކުޑަފަރީ  ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުޙައްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލްމަންނާން ޔޫސުފް، ނޯތް ޕޮލިސް ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް ޕޮލިސް މޫސާ ޢަލީ، ނ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަބުދުﷲ، ފުލުހުންގެ އެގެޒެކްޓިވް އޮފިސަރުން، މިރަށުގެ މުއައްސަސާތަކުގެ އިސްވެރިން ވެރިން، ލޮބުވެތި ޙާޟިރީން އައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިސަރުކާރުގެ އަމާޒަކީ ދިވެހި ލޮބުވެތި ރައްޔިތުން ދިރިއުޅެމުންދާ ކޮންމެ ރަށެއްގައި ރައްޔިތުންނާއި ގާތުން ރައްޔިތުންނާއި އެކީގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން. އާދެ! އޭގެ އެންމެ ރީތި މިސާލެއް ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވެ ދެއްވީ ކީއްވެގެންކަން އެކަން ކުރަންއެޖެހެނީ. އަޅުގަނޑުމެން ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ މުޖުތަމައެއްގެ ތެރޭގައި ކޮންމެ އާއިލާތަކެއްގެ ތެރޭގައި ހިނގަމުންދާ ކަންކަމަށް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ތަރުތީބު ކުރެވިފައިވާ ފުލުހުންގެ ނިޒާމްގެ ތެރެއިން ލިބިދޭންޖެހޭ ޚިދުމަތް ލިބިދިނުން އެއީ އަޅުގަނޑުމެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާކަމަކަށްވާތީ. އާދެ! މިމަސައްކަތް ހަލުވިކަމާއެކު ގެންދިއުމަކީ ޙަގީގަތުގައިވެސް ބުރަ ގޮންޖެހުންބޮޑު ދަތިކަމެއް. އެހެންނަމަވެސް މިކަމުގެ މުހިންމުކަން އިހްސާސްކުރެވި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދާ އެކުގައި ފުލުހުންގެ އޮފިސަރުންގެ ފަރާތުން މިކަންކަން ތަރުތީބު ކޮށްގެން ގެންދިއުމަށް ކުރެވޭ މާސައްކަތަކީ އަޅުގަނޑުމެން ސަރުކާރުން ވަރަށް އިޚްލާޞް ތެރިކަމާއެކު ބަލައިގަންނަ ކަމެއް. އެހެން ކޮމިޝަނަރަށާއި ކޮމިޝަނަރގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑުވެސް ޝުކުރުދަންނަވަން.

އާދެ! މިކަންކަން ކުރެވިގެންމިދަނީ އަޅުގަނޑުމެންގެ ކޮންމެ ރަށެއްގެވެސް ކައުންސިލާއި ރަށުގަ ގާއިމުކުރެވިފައިވާ ކައުންސިލާއި ރަށުގެ ރައްޔިތުން ވަރަށް ބޮޑު އެއްބާރުލުމާކާއި އެހީތެރިކާމަކާއި އެކުގައި. އާދެ! ރަށުގަ ރައްޔިތުންނާއި ރަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެންމެ ރަނަގަޅު ގޮތުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިޙްސާސްކުރެވި އެކަމަށް އެހީތެރިވުމުގެ ވިސްނުން ހުރިހާ ފަރާތްތަކުން އިސްކުރައްވައިގެން އެ ޚިދުމަތް އަވަސްކުރުމައި ގާއިމުކުރުމުގައި އެދެއްވާ އެހީތެރިކަމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެނަށް މަސައްކަތަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމާއި އެއްބާރުލުން. އެކަމަށްޓަކައި މި ޚިދުމަތަށް ނުވަތަ މިމަސައްކަތަށް އަޅުގަނޑުމެންނަށް ދެއްވާ އެއްބާލުމަށްޓަކައި ތިޔަ ހުރިހާ ފާރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއިއެކު  ޝުކުރު  ދަންނަވަން.

 އާދެ! ރަށެއްގައި އަމަންއަމާން ކަންގާއިމުކުރެވި ޞުލްޙަމަސަލަސްކަމާއި ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ އަދި އެނަތީޖާއަށް ވާސިލު ވެވޭނެކަމެއްނޫން. އާދެ! ފުލުހުންނަކީ ފުލުހުންގެ ފަރާތުން ގާނޫނު ތަންފީޒް ކުރުމުގެ ގޮތުން ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތަކާ ހަމައަށް ދިއުމަށްޓކައި މުހިންމު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހޭ ބައެއް. އާދެ! އެވިސްނުމަށްޓަކައި އެވިސްނުމުގެ ތެރެއިން މިއަދު ފުލުހުންގެ މަސައްކަތް ތަރުތީބު ކުރެވި ބައްޓަން ކުރެވިފައި މިވަނީ ދެންމެ ކޮމިޝަނަރވެސް އިޝާރާތް ކުރެއްވި ފަދައިން ގާތްގަނޑަކަށް މީގެ ތިންއަހަރު ކުރީއްސުރެ ފެށިގެން ފުލުހުންގެ މަސައްކަތް ތަރުތީބު ކުރަމުން މިއަންނަ އަވަށްޓެރި ފުލުހުންގެ ވިސްނުމުގެ ނުވަތަ ފަލްސަފާގެ ތެރެއިން. އާދެ! އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚާއި ރާއްޖޭގެ ރައްޔިތުންގެ ސަގާފަތަށް ރާއޖޭގެ ރައްޔިތުންގެ ވިސްނުމަށް ބާލާއިރު އެކަން ކުރަން ޖެހޭގޮތް. ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ މިއަހަރުގެ ތެރޭގައި މިރަށުގަ ހިނަގާފައިވަނީ ރައްޔިތުންނަށް ހާމަވެގެންދާ ނުވަތަ ކުށެއްގެ ގޮތުގައި

ބަލައިގަނެވޭވަރުގެ ހަތަރުކަމެކޭ ނުވަތަ ރިޕޯޓްކުރެވިފައިވަނީ ހަތަރު ކުށެކޭ. އޭގެ ތެރެއިން ކޭސްކޮށްގެން ކުރިއަށް ގެންދާވަރުގެ ދެކަމެކޭ. އާދެ! ފަހަރުގަ މުޖުތަމައުގެ ތެރޭގައި އިތުރު ކުށެއް ނުވަތަ ކަންކަން ހިނގާފައިއޮތުން އެކަށީގެން ވާކަމެއް. އެހެންނަމަވެސް ރިޕޯޓްކުރެވިގެން އެންމެނަށް އެކަން އެނގިގެން ދާންޖެހޭ މުއައްސަސާތަކާ ހަމައަށް ގޮސްގެން ކަންކަންދާގޮތުގެ މިންވަރުން. އާދެ! މިއީ އަޅުގަނޑުމެންގެ ކާބަފައިންސުރެން ފެށިގެން އަޅުގަނޑުމެން ވާރުތަ ކުރަމުން އަޅުގަނޑުމެންގެ ތެރޭގައި އުފެދެމުން އައިސްފައިވާ ސިފަތައް.

އާދެ! ދިވެހިންނަކީ އެއްއާއިލާތަކަކަށް ނިސްބަތްވާ ، އެއްބަހަކަށް އެއް ސަގާފަތަކަށް  ނިސްބަތްވާ އެއްދީނަކަށް ނިސްބަތްވާ ބަޔަކަށްވާއިރު އެމީހުންގެ ތެރޭގައި ފާހަގަ ކުރެވޭ ވަރުގެ ބޮޑެތި ކުށްތައް ހުރުން އެއީ އެންމެ އެކަށީގެންނުވާ ކަންތައް. އާދެ އަޅުގަނޑުމެންގެ ކިބައިގައި އެ އަޚްލާގާއި ރީތި ސިފަތަކާއި މާތްވަންތަކަން އުފެއްދުމަކީ އަޅުގަނޑުމެންގެ ދީނާއި އަޅުގަނޑުމެންގެ ސަގާފަތް އަޅުގަނޑުމެންނަށް ދަސްކޮށްދޭކަމެއް. އެކަން އެގޮތުގައި ދެމިގެން ދިއުން އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުމާއި އަޅުގަނޑުމެންގެ އުފާ ފާގަތިކަމަށް މަގު ފަހިކޮށްދޭ ކަންތައް. އެހެންނަމަވެސް މިއަދުގެ ދުނިޔެއަށް ހުޅުވިފައިވާ ދުނިޔޭގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅެމުން ދާއިރު މިހެން އެކިފަހަރުމަތިން އެކިގޮތްގޮތަށް އަންނަ އޮއިވަރުތަކުގައި ޖެހި އަޅުގަނޑުމެންގެ ތެރޭގައިވެސް ބައެއްކަންކަން އެންމެ ރަނަގަޅުނޫން ގޮތުގައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ފުލުހުން  ތިބެގެން މިކަންކަން ހުއްޓުވަން މަސައްކަތްކުރަން އެބަޖެހޭ. އެހެންނަމަވެސް އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ބޭނުންވަނީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވީ ފުލުހުންތިބޭ ހައްޔަރުކޮށްކެން އަދަބުދީގެން ކުށް ހުއްޓުވުމުގެ ސަގާފަތަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ރީތި އާދަކާދަތަކާއި އަޚްލާގާއި މަތިވެރި ސިފަތަކުން ކުށްތަކާއި ދުރުވުމުގެ ސިފަތަކެއް. އާދެ! އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައަކީ އެމުޖުތަމައުގެ ރިވެތި އާދަކާދަތަކާއި އަޚްލާގާއިހުރެ ކުށްތަކާއި ވަރަށް ދުރު މުޖުތަމައެއް ނުވަތަ ސަގާފަތެއް. އާދެ! އެކަމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ އިލްމްވެރިން ވިދާޅުވޭ ފުރިހަމަ އިސްލާމީ މުޖުތަމައެއްގެ ކޮންމެ ފަރުދަކީ ސިފައިންގެ މީހެކޭ. ދެން ކުރީގަ އާއްމުކޮށް ބޭނުންކުރަނީ ސިފައިން ކަމަށްވާތީ. ދެން މިހާރު ވެއްޖެއްޔާ ފުލުހެކޭ ބުނަމާހިނގާ އާދެ! ކޮންމެ ފަރުދަކީ ފުލުހެކެވެ. އާދެ! ކީއްވެތޯ ފުލުހެކޭ މިބުނަނީ. އާދެ! އެއީ ކުށުން މުޖުތަމައު ދުރުކުރުމުގެ ޒިންމާނަގާ މީހުންނަކީ އެމީހުންކަމުގައިވާތީ ކޮންމެ ފަރުދަކީ ފުލިހެއްކަމުގައި ވެއްޖެނަމަ ދެން ކިހިނެއްތޯ އެމުޖުތަމައުގަ ކުށެއް އޮންނާނީ. އާދެ! އެހެންވެ ރަސޫލުﷲ......  ޙަދީޘް ބަސްފުޅެއްގައި އާދެ! އަޅުގަނޑު ހަމަ ވަރަށް ކުރީއްސުރެ ދަސްކޮށްގެން އެހެން ނަމަވެސް މިދަތުރުތަކުގައި މިހެންއުޅެ މިތަޖުރިބާތައް ލިބުނީމަ މުޅިން އެހެން ގޮތްގޮތަށް މާނަކުރެވޭ އަސްލުގަ އިނގޭތޯ. ޙަދީޘްގަ މިއޮންނަނީ އިނގޭތޯ "من رأى منكم منكرا فليغيره بيده ، فإن لم يستطع فبلسانه ، فإن لم يستطع فبقلبه ، وذلك أضعف الإيمان" ތިޔަ ބައި މީހުންގެ ތެރެއިން މީހަކަށް މަނާ ކުރަންޖެހޭ ކަމެއް ފެނިއްޖެނަމަ އޭނައިންކާރު ކުރަންޖެހޭ މުންކަރަން މާނައަކީވެސް އިންކާރު ކުރަންޖެހޭ ކަމެއް މާނައަކީ އެމުޖުތަމައަ ތެރޭގައި އޮވެގެން ނުވާނެ ކަމެއްތާ އިންކާރުކުރަންޖެހޭނީ. ތިޔަ ބައިމީހުންގެ ތެރެއިން މީހަކަށް  އިންކާރު ކުރަންޖެހޭކަމެއް، މަނާ ކުރަންޖެހޭ ކަމެއް ފެނިއްޖެނަމަ އޭނާގެ އަތުން އެކަން މާނާ ކުރާށޭ. އާދެ! އަތުން މަނާ ކުރުމުގެ އިޚްތިޔާރާއި ބާރު މިއޮންނަނީ އަށްލުގަ ޤާނޫނީ ގޮތުން ބާރުލިބިފައިވާ ފުލުހުންނަށް. އަޅުގަނޑުމެން މިއަދުގެ ސިޗުއޭޝަނަށް މިގެންނައިރު  އަސްލަކީ. އާދެ! މީހަކު މާރާމާރީއެއް ހިންގަނީ އަނެއްކަމެއް ކުރަނީ ގޮސް ހިހައްޓާފަ ކޯންޓްރޯލް ކުރުމުގެ ބާރުމިއޮތީ ކޮންބަޔަކަށް ފުލުހުންނަށް އަޅުގަނޑުމެން ދީފައޮތީ من رأى منكم منكرا فليغيره بيده  އޭނަގެ އަތުން މަނާކުރާށޭ. އޭނައަށް އެކަމަށް ނުކުޅެދޭމީހާނަމަ ދެން އަންނަ ދަރަޖަ އޭނަގެ ދުލުން މަނާކުރާށޭ. މާނައަކީ އެކަން ހުއްޓަން ބުނާށޭ. އެއީ ރަނަގަޅު ނޫންކަމުގެ ނަޞޭހަތް ދޭށޭ. އެކަންވެސް ނުކުރެވޭ މީހާ އޭނަގެ ހިތުން އެކަން މަނާކުރާށޭ. މާނައަކީ އެއީ ހާދަނުބައި ކަމެކޭ. އެކަން ކޮށްގެން ނުވާނެއޭ. އެކަން މިމުޖުތަމައު ތެރޭގައި އޮވެގެން ނުވާނެޢޭ. އެކަމާ އެނަގެ ހިތުން އެންމެ ކުޑަމިނުން ދެކޮޅުހަދަންވާނެއޭ. އާދެ! މިމަރުހަލާތައް އެމުޖުތަމައެއްގައި އަށަގަނެ ސާބިތުވެއްޖެނަމަ ދެން އެމުޖުތަމައެއްގެ އަމާންކަމާއި އޮމާންކަން ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަ އަޅުގަނޑުމެން އިޙްސާސް ކުރަމާ ހިނގާ. އާދެ! އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރައްޖޭގައި  އޮންނަންޖެހޭ ފަދަ ރިވެތި ފުރިހަމަ މުޖުތަމައަކީ. އާދެ! މިދެންނެވި ޙަދީޘްގެ މައްޗަށް ވިސްނާ ފިކުރު ހިންގާލުމުން އަޅުގަނޑަށް މިއަދު އިޙްސާސް ކުރެވެނީ ޙަގީގަތުގައިވެސް ފުލުހުންގެ ޒިންމާގެ ބޮޑުކަން. އިނގޭތޯ. ފުލުހުންގެ މުއައްސަސާ ބިނާކުރެވިފައިއޮތީ އަދި އެކަން ކުރެވެނީވެސް އެއުސޫލުން އެހަމަތަކުން އެތަރުތީބުންކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ހަމަ ވަރަށް ގިނަފަހަރަށް ދަންނަވަން އިނގޭތޯ އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން އާއިލާތަކުގެ ތެރެއިން ސުކޫލް ނިންމާ ދަރިވަރުން ނިކުމެގެން ފުލުހުންގެ މުއައްސަސާއަށް ރެކްރޫޓް ކުރެވިގެންގޮސް ޓްރޭނިންގ ހަދާފައަންނައިރު އަޅުގަނޑުމެންނަށް ފެންނާނީ ގިނަފަހަރަށް އެއާއިލާއިން ފޮނުވި ކުއްޖާއެއްނޫން. އޭނަގެ ކިބައިގަ ކުރިން އާއިލާތެރޭގަ އުޅެފަދިޔައިރު ނެތް އެތަށްބައިވަރު ހުނަރުތަކާއި ރީތި އަޚްލާގާއި ޑިސިޕްލިން ހުންނާނެ. އާދެ! ކީއްވެގެން އެމީހުންގެ ނަމޫނާއިން ނަމޫނާ ލިބިގެން އެމުޖުތަމައު އަމާން ތަނަކަށް ހަދާތީ. އޭގެ މައްޗަށް މުޖުތަމައުގެ ރީތި ސިފަތައް ބައްޓަން ކުރާތީ. އޭގެ މައްޗަށް މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރެވޭތީ. އާދެ! އެހެންކަމުން ފުލުހުންގެ ޓްރޭނިންގ އަށް ފުލުހުންގެ ހުނަރުތަކާއި ފުލުހުންގެ އަޚްލާގަށް އިތުރަށް އިސްކަން ދޭންޖެހެނީ. އެހެންވީމާ އަޅުގަނޑުމެންގެ މުޅި މުޖުތަމައުގެ އަޚްލާގަކީ ފުލުހުންގެ އަޚްލާގްކަމަށް. މުޅި މުޖުތަމައުގެ ހުނަރަކީ ފުލުހުންގެ ހުނަރުކަމަށް. މުޅި މުޖުތަމައުގެ ގާބިލުކަމަކީ ފުލުހުންގެ ގާބިލުކަމަށްވީމަ އޭރުން އަޅުގަނޑުމެންގެ މުޖުތަމައު ބާރަށް ކުރިއަށް ދިއުމުގެ ވިސްނުން އޮންނާނީ. ދެންމެ ކައުސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުތަކުން ވަރަށް ބޮޑަށް އެކަން އިހްސާސް ކުރެވިއްޖެ. އަޅުގަނޑުމެންގެ ތެރޭގައި ހުނަރުވެރި ގާބިލު އިނގޭތޯ ސުލްޙަވެރިކަމަށް ލޯބިކުރާ އެކުވެރި އެންމެން އުޅޭނަމަ އެކަމުގައި އެންމެ މަތިވެރި ނަމޫނާއެއް ފުލުހުންގެ ކިބައިން ދެއްކޭކަމަށްވާނަމަ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރަށްތައް ދުވަހުން ދުވަހަށް ދާނީ ކުރިއަރަމުން ދުވަހުން ދުވަހަށް ދާނީ  ހިތްހަމަޖެހުމާއި އުފާވެރިކަމާއި ފާގަތިކަން ލިބެމުން.

އާދެ! މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ރަށެއްގައި އަޅުގަނޑުމެން ކަންބޮޑުވާ ވަކިޚާއްޞަ ކުށްތަކެއް އެބަހުރި. އެކުށްތަކުން އެއީ މަސްތުވާތަކެއްޗާއި އެކަމާއި ގުޅިފަހުރި ކުށްތައް. މީގެ ރަށެއްގައި ހިނގާ ކޮންމެކަމަކަށް ބަލާލާއިރު އޭގެ ފަހަތުގައި އަސްލުގައޮތީ ކޮންކަމެއްކަން އަޅުގަނޑުމެންނަށް އިހްސާސްކުރެވޭ. އާދެ! މީ ރާއްޖޭގައި ގާތްގަޑަކަށް ބައިގަރުނެއްހާ ދުވަސްވެފައޮތް ހަމަ ބޮޑު މައްސަލައެއް. މިކަމުން އަރައިގަތުން އެއީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހުރިހާ މުއައްސަސާތަކާއި އަފްރާދުން ގުޅިގެން ކުރަންޖެހޭ ކަމެއް. އަދުގެ ސަރުކާރުން އެކަމަށްޓަކައި ވަރަށް އިސްކަންދީގެން ވަރަށް މަސައްކަތްތަކެއް އެބަކުރޭ ޚާއްޞަކޮށް ހަމަ ތިބޭފުޅުންނަށް ފާހަގަ ކުރެވޭނެ ވޭތުވެ ދިޔަ ގާތްގަނޑަކަށް ތިންހަތަރު އަހަރެއްގެ ތެރޭގައި ދިވެހި ފުލުހުން މިކަމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތުން ހޯދިފައިވާ މަސްތުވާ ތަކެތީގެ ބޮޑެތި އަދަދުތަކާއި ނައްތާލެވިފައިވާ ތަކެއްޗާއި އަދި އެކަމުގައި އިތުރަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައް. އާދެ! އެހެންނަމަވެސް މިމައްސަލައިގެ ބޮޑުކަމަކީ އޭގެ މޫތައްދިގުވެ ފެތުރިފައިހުރިލެއް ބޮޑުކަމުން އަދި ކުއްލިއަކަށް އަޅުގަނޑުމެން ކިތައްމެ މަސައްކަތެއްކުރިއަސް ހައްލުކުރުމަށް އެހާ ފަސޭހަ ކަމެއްނޫންކަން އަޅުގަނޑު ގަބޫލުކުރަންޖެހޭ. އެހެންނަމަވެސް މިހާރު މިދަތުރުކުރާގޮތަށް ހުރިހާ އެންމެން ގުޅިގެން އެއްވާނެއްގައި ހިފަހައްޓާލެވިއްޖެނަމަ އަޅުގަނޑު ޔަގީންކުރަން އިރާދަކުރެއްވިއްޔާ މިކަމަށް ހައްލުތަކެއް އަންނާނެކަމަށް. އަޅުގަނޑުމެން މިއަންނަ ހަފަތާގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާއާއެކުގައި ވަރަށް މުހިންމު ފިޔަވަޅުތަކެއް އެބައަޅަން. ޖަލުގެ ތެރޭގައި ރީހިބިލިޓޭޓްކޮށްގެން އެންމެ ފުރަތަމަ ނެރޭބެޗާއި ހަމައަށް އަޅުގަނޑުމެން އެބަ ދަތުރުކުރަން.

އާދެ! މީ އަޅުގަނޑުމެން ހިތުން އަޅުގަނޑުމެނަށް ހޯދޭ ކާމިޔާބުތައް. މިކަމުގައި ލިބޭ ކުރިއެރުންތައް. އަޅުގަނޑު ޔަގީން ކުރަނީ އިރާދަކުރެއްވީއްޔާ މިމަސައްކަތުގެ ނަތީޖާ އަންނައިރު އަޅުގަނޑުމެންގެ ހުރިހާ ރަށްތަކާއި ހަމައަށް މީގެ އަސަރުކޮށް މިރަށްރަށުން އެކަން އެއްކޯށް ފިލައިގެން ނުދިޔަނަމަވެސް އޭގެ އަސަރުތައް ކުޑަވެ ރަށަކީ އަމާން އޮމާން ހިތްހަމަޖެހޭ ރަށްތަކަށް ވެގެން ދިއުމަށް. މިމަސައްކަތުގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެދެއްވުމަކީ އެދޭކަމެއް. އާދެ! ފުލުހުން މިކުރާ ބުރަ މަސައްކަތުގައި ކައުންސިލާއި ރަށުގެ މުއައްސަސާ ތަކާއި އަދި ރަށުގެ ރައްޔިތުން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ކާމިޔާބާއި ހަމައަށް ދަތުރުކުރެވޭނެ.

އަޅުގަނޑު ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވައި އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވައި އުފާ ފާގަތި ތަނަވަސް ދުނިޔެއެއްގައި އަޅުގަނޑުމެން ލަހައްޓަވައި އާޚިރަތުގެ ބާއްޖަވެރި ނިޢުމަތް އަޅުގަނޑުމެން އެންމެނަށް މިންވަރުކޮށްދެއްވުން.  

ވަރަށް ބޮޑަށް ޝުކުރިއްޔާ.

 ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.