ޕޮލިހުންގެ އަހަރީ ދުވަސް

       `

 

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(29 މާރިޗް 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ  އިބްރާހިމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަހްމަދު މުޢުތަސިމް ޢަދުނާން، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދުގެ ދެކަނބަލުން، ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ އޮފިސަރުން، މިހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގެން ތިއްބެވި ބޭރުގެ އިއްޒަތްތެރިން، ފުލުހުންގެ ޢާއިލާތައް، ބައިވެރިވެވަޑައިގެންތިއްބެވި އެންމެހާ ލޮބުވެތި ޢިއްޒަތްތެރިން، މިޖަލްސާ ދުރާގާތުން އައްސަވަމުން ބައްލަވަމުންގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން އައްސަލާމް ޢަލައިކުމް ވަރަހްމްތުﷲ ވަބަރަކާތުހޫ.

އާދެ! އެންމެ ފުރަތަމަވެސް 89 ވަނަ ފުލުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި މިހާރާއި އެހާރުގެ ހުރިހާ ދިވެހި ފުލުހުންނާއި ފުލުހުންގެ ލޭފަވެތި ޢާއިލާތަކަށް އަރިސްކުރަން.

އާދެ! ކޮވިޑްގެ ހިތިކަމާއި ހިތްދަތިކަން މުޅިރާއްޖެއަށް އަދި މުޅިދުނިޔެއަށް ކުރިމަތިވެ އެހިތާމައިގެ ވިލުންވެރިކަމާއި ގިލުންވެރިކަމުން އަރައިގަނެ ދިލާސާވެ އަންނަ ދުވަސްވަރު ދިވެހި ފުލުހުންހުންގެ ދުވަސް ކުލަގަދަބޮކިތަކުން އަލިވެ ޖަރީވެ ކުލަގަދަކޮށް ފާހަގަކުރެވެމުން ދިއުމަކީ ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތާއި އުފުލާ ތަކްލީފުގެ އަސަރުކުޑަކޮށް އާއިލާތަކާއެކު ހިތްތަކަށް ތާޒާކަމާއި އާރޯކަން ގެނެސްދީ ގައުމީ ޖޯޝާއި ފޯރި އެއާއިލާތަކާއި ފުލުހުންގެ ހިތުގައި އުފެދިގެންދާނެކަން ކަށަވަރު.

ލޮބުވެތި ހުޟޫރުން. ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް. ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއް. ފުލުހުންނަށް ގާއިމުކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދެވޭ ކޮންމެ ހުނަރަކާއި ގާބިލްކަމަކީ ގައުމަށް އިތުރުކުރެވޭ ވަސީލަތަކާއި ލިއްބައިދެވޭ ކޮންމެ ހުނަރަކާއި ގާބިލުކަމަކީ ގައުމަށް އިތުރުކުރެވް ވަސީލަތަކާއި ލިއްބަވައިދެވޭ ގާބިލްކަމަކާއި  ހުނަރެއް. ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތިކަމަކާއި ބަލިކަށިކަމެއް.  ފުލުހުންގެ ކިބައިގައި މަތިވެރި ސިފަތަކާއި ރިވެތި އަޚްލާގް އުފައްދައިގެންމެނުވީ މުވާޠިނުންގެ ކިބައިގައި ރިވެތި އަޚްލާޤާއި މަތިވެރި ސިފަތައް އުފެދިގެންނުދާނެ. ފުލުހުންމަތިވެރިވެ މަތިވެގެންދިޔަ މިންވަރަކަށް ގައުމު މަތިވެރިވެ ކުރިއެރުން ލިބިގެންދާނެ. ފުލުހުންގެ އަގުތަކާއި ދަރަޖަ ވެއްޓިގެންދިޔަ ވަރަކަށް ގައުމުގެ ހަމަތަކާއި އަގުތައް އަދި ސިފަތައް ވިއްސިވިހާލިވެ ނެތިވެ ކަފާސްވެގެންދާނެ. އާދެ! މިހަޤީގަތް ގަބޫލުކުރެވި ތަސައްވަރު ކުރެވޭލެއް ބޮޑުކަމުން 1932 ވަނައަހަރު ދިވެހިރާއްޖެ ޤާނޫނީ ނިޒާމެއްގެ ތެރެއިން ހިންގުމަށް، އާގާނުނު އަސާސީއެއް އެކުލަވާލެވި އެންމެ ފުރަތަމަ އުފެދިގެންދިޔަ ގައުމީ މުއްސަސާގެ ތެރޭގައި ފުލުހުންގެ މުއައްސަސާ ހިމެނިގެންދިޔަ. ހަމައެހެންމެ ހަގީގަތް ވަރަށް ފުރިހަމަގޮތެއްގައި ގަބޫލުކުރައްވާތީ  ރައީސުލްޖުމްހޫރިއްޔާ  އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެންމެ އިސް ވަޢުދުފުޅުތަކުގެ ތެރޭގައި ދިވެހި ފުލުހުން ނުވަތަ ޕޮލިސް ރިފޯމްކުރުމުގެ އެޖެންޑާ ހިމެނިގެންދިޔައީ.

ލޮބުވެތި ހުޟޫރުން. ދިވެހި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނައާއި ހަށިތައް ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދާޚިލިއްޔާއާއި މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަންޖެހެނީ ދިވެހި ފުލުހުންގެ ޚިދުމަތުން. މިސަބަބާހުރެ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް މިއިންދުވަހަކު ނުކުރެވޭފަދަ ބޮޑެތި ބުރަ މަސައްކަތްތަކެއް ސީދާ  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބެއްލެވުމުގެ ދަށުން ކުރެވިފައިވޭ. އާދެ! މިގޮތުން ފުލުހުންގެ މުއައްސަސާއަކީ ޤާނޫނީ އިންތަކާއި މިންތަކުގެ ތަރަހައިގެ ތެރޭގައި ހިންގަންޖެހޭ މުއައްސަސާއެއްކަމަށް ވީހިނދު މިސަރުކާރަށް ދެވަނަ އަހަރު، އާދެ! 2020 ވަނަ އަހަރުގެ ތެރޭގައި އެކާވީސްވަނަ ގަރުނުގެ ހަރުދުވެއްޔާއި ފައިހަމަވާގޮތަށް، އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާކުރެވޭގޮތަށް އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށް ލާޒިމްވާގޮތަށް، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް ބަޔާން ކުރެވޭގޮތަށް ފުލުހުންގެ އަޚްލާގާއި ސުލޫކަށް އިސްކަންދޭނެ ފަދައަކުން ދިވެހި ފުލުހުންގެ ޚިތުމަތުގެ ޤާނޫނުވަނީ ވުޖޫދު ކުރެވިފައި. މިގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވަނީ އެކަށައަޅާނިމިފައި. އޭގެމަތީން ދިވެހި ފުލުހުންގެ ކިބައިގައި އުފައްދަންޖެހޭ ރިވެތި ސިފަތަކާއި މަތިވެރި ނަމޫނާތަކަށް މަގުފަހިކޮށްދޭގޮތަށް ވަނީ ބައްޓަންކުރެވިފައި. އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއްވަނީ އެކަށައަޅާލެވިފައި. ފުލުހުން ޖަވާބުދާރީވުމަށް ޒިންމާއަދާކުރާނެ ރަނގަޅު  މޮޑެލްތައްވަނީ އެކުލަވާލެވިފައި. އާދެ! އެކަމުގެ މުހިއްމު ތަފްސީލްތައް ދެންމެ ކޮމިޝަނަރ އޮފ ޕޮލިސް ވިދާޅުވެދެއްވައިފި.

ލޮބުވެތި ޙުޟޫރުން. ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުވާގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ހަމަހަމައިން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އަމާޒެއް. އެހެންކަމުން މިހިނގާ ދައުރު 2023 ވަނައަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި. އެމަސައްކަތް ވަރަށް އަވަދިނެތި ބުރަކަމާއެކު ފުލުހުންގެ ލީޑަރޝިޕުން ގެންދަވަނީ ކުރައްވަމުން. އާދެ! މިއީ އެކަމުގެ މައްޗަށް ވަރަށް ގިނަ މަސައްކަތް ހުއްޓިފައިވާ ވަރަށް ގިނަކަންކަން ތަރުތީބު ކުރަންޖެހޭ ވަރަށް ގިނަ ބޭފުޅުންގެ ބައިވެރިވުމުގެ މަސައްކަތުގެ ނަތީޖާއެއް. އާދެ! މިކަމަށްޓަކައި ފުލުހުންގެ މުޅި ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސްއާއި އެގްޒެކްޓިވް ޓީމާއި އަދި ހުރިހާ ފުލުހުންނަށް ވަރަށް އިޚްލާސް ތެރިކަމާއެކު މިރޭ ޝުކުރު ދަންނަވަން.

އާދެ! ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ނުވަތަ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތުގެ ތެރެއިން އަދި ރައީސުލްޖުމްހޫރިއްޔާ ސީދާ ގާތުން ބައްލަވާ ރައްޔިތުންނަށް މި ޚިދުމަތް ފުރިހަމަ ކޮށްދެއްވުމަށްޓަކައި ކުރެއްވި މަސައްކަތުގެ ތެރެއިން މިދައުރުގެ އެންމެ ކުރީކޮޅުން ފެށިގެން ރަށްރަށުގައި ފުލުހުންގާއިމުވެ ތިބޭނެ މަރުކަޒު ނުވަތަ ޕޮލިސް ސްޓޭޝަން އެޅުމަށް މައްސައަކަތް ފެއްޓެވި. އެގިވަޑައިގަންނަވާނެ ފަދައިން ފުލުހުންގެ ޚިދުމަތް މިހާހިސާބަށް އައިއިރު ރާއްޖޭގެ އަތޮޅު ތެރޭގައި ފުލުހުން ގާއިމުވެ ތިބެނީ ފުލުހުންގެ އަމިއްލަ އެންމެ 17 ސްޓޭޝަންގައި. އެހެންނަމަވެސް މިހަގީގަތް ބަދަލުކޮށްލުމަށްޓަކައި ކޮވިޑްގެ ދަތިތަކާއިއެކުގަވެސް އަޅުގަނަޑުމެން މިހިސާބަށް ދަތުރުކޮށް އަޅުގަނޑު ޔަގީންކުރަން ﷲ އިރާދަކުރެއްވީއްޔާ ކުރިއަށް މިއަށްއޮތް އޭޕްރީލްމަހުގެ ތެރޭގައި ރާއްޖޭގެ 61 ރަށުގައި ޕޮލިސްސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫއުއެއް ފެށިގެންދާނެ.

އާދެ! މިއީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުންދާ ޕްރޮޖެކްޓެއް. އޭގެ ސަބަބުން ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި ދިމާވެފައިވާ ދަތިތަކާއި ހުރަސްތަކަށް ވަރަށް ބޮޑު ނިމުމެއް އަންނާނެ. ހަމައެހެންމެ އެއްގަމާއި ކަނަޑުގައި ދަތުރުކުރާ އުޅަނދުތައް ނުހޯދޭތާ އެތަށް އަހަރުތަކެއް ވޭތުވެގެން ހިނގައްޖެ. އާދެ! މިކަމަށް ބޮޑު ހައްލެއް ހޯއްދަވައި ދެއްވައިފި. މިއަހަރުގެ ތެރޭގައި އަޅުގަނަޑުމެނަށް އެއްގަމާއި ކަނޑުގައި ގިނަ އުޅަދުތަކެއް އިރާދަ ކުރެއްވިއްޔާ ފުލުހުންގެ ޚިދުމަތަށް ލިބިގެންދާނެ. އާދެ! މިފަދަ އެތައް މަސައްކަތަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ކުރިމަތިވާ ނުވަތަ ރައްޔިތުންނަށް ލިބިދޭ ޚިދުމަތުގައި ވަރަށް ބޮޑު ނަތީޖާއެއް   ނެރޭދޭނެ ކަމެއްކަން އަޅުގަނޑު ޔަގީންކުރަން.

ލޮބުވެތި ފުލުހުން. ވެހޭވާރޭގައި ދޭހާއަތްވެއްގައި ގަދަކަނޑުގައި ރައްޔިތުންގެ ފުރާނަޔަށް މުދަލާ ހަށިތައް ރައްކާ ކުރުމަށްޓަކައި އުފުއްލަވަމުން ގެންދަވާ ބުރައާއި ތަކުލީފަކީ އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަކަމެއް. އެކަމަށްޓަކައި ތިޔަހުރިހާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ވަރަށް އިޚްލާޞް ތެރިކަމާއިއެކު ޝުކުރު އަދާކުރަން. ހަމައެހެންމެ ބައެއް ފުލުހުންގެ ކިބައިން ބައެއްފަހަރަށް ދިމާވާ ކަންކަމަކީ  އެކަމުގެ ސަބަބުން މުޅި މުއައްސަސާ ބަނަދުނާމުވެ އަދި ހުރިހާ ފުލުހުންނަށް ހިތާމައާއި ހިތްދަތިކަން ކުރިމަތިވާކެމެއް. އެކަމުގެ އިހްސާސް އަލުގަނޑުމެންވެސް ކުރަން.

އާދެ! މިރޭގަ އަޅުގަނޑު މިފިޔަވަޅުމަތިން ފައިބާހިނދު ތިޔަ ލޮބުވެތިހުރިހާ ފުލުހުންނަށް އަޅުގަނޑުގެ ހިތުގެ އަޑީން ނަޞޭޙަތްތެއްދޭން  ބޭނުންވޭ. އާދެ! އެއީ އަޅުގަނޑުގެ އަމިއްލަ ނަޞޭޙަތެކޭވެސް ނުބުނެވިދާނެ. އާދެ! ގުދިސީ ޙަދީޘެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ އާދެ! ރަސޫލުﷲ ހަދީޘް ކުރައްވަނީ "اتق دعوة المظلوم އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާ ދޭތެރޭ ބިރުގަންނާށޭ. ހަމަކަށަވަރުން އެދުޢާ ވިލާ ތަކުގެމައްޗަށް އުފުލިގެންދެއެވެ. އަދި ﷲ ވަޙީކުރައްވައޭ. "وعزتي وجلالتي لأنصرنك ولو بود هين" ތިމަންއިލާހުގެ ގަދަ ކީރިތިވަންތަކަމާ ޢިއްޒަތްވަންތަކަން ގަންދީ ވަޙީ ކުރައްވަމެވެ. ތިބާއަށް ހިނދުކޮޅެއްފަހުން ނަމަވެސް ނަޞްރުދެއްވާހުށީމެވެ. އަޅުގަނޑުގެ ނަސޭޙަތަކީ ފަހަރުގައި ކުށްކުރާ ހުރިހާމީހުން ޤާނޫނާ ޚިލާފުވާ ހުރިހާ އެންމެން ހޯދާ އަދަބު އަޅުގަނޑުމެނަށް ނުދެވިދާނެ. އެހެންނަމަވެސް ކުށެއް ނުކުރާ ރައްޔިތަކަށް ނަމަނަމަ އަނިޔާއެއް ނުދެއްވާށޭ. އެފަދަމީހެއްގެ ދުޢާލިބި ތިމާޢާއި ތިމާގެ އާއިލާ ހަލާކުވެނެތި ހިނގައިދާނެ. އަލުގަނޑު އެދެނީ ގާނޫނު ތަންފީޛް ކުރުމުގެ އެންމެ އުނދަގޫ ދަތި މަރުހަލާގައިވެސް އެންމެ އުނަދަގޫ ވަގުތުގައިވެސް އޯޣަވެރިކަމާއި ކުލުނާއި ރަޙްމާއި ޙަމްދަރުދީ އިސްކޮށް ޤާނޫނު ތަންފީޛްކުރުން. އޭގެ ސަބަބުން މުޅި މުއައްސަސާއަށް މުޅިދިވެހިރާއްޖެއަށް އުޖާލާކަމާއި ފާގަތިކަން ލިބިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ ކުރިއައަށް މިއޮތް ރަމަޟާން މަހުގެ ބަރަކާތާއި ދަރުމައާއި ސަވާބު އަޅުގަނޑުމެން އެންމެނަށް މިންވަރުކޮށްދެއްވުން. ދިވެހި ރައްޖޭގެ ހަމަޖެހުމާއި ސަލާމަތާއި އަމާންކަމާއި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ދިވެހީންނަކީ އުފާވެރި ޞުލްޙަވެރި ޙަޔާތެއްގައި ދިރިއުޅޭބައެއްކަމުގައި ﷲ މިންވަރުކޮށްދެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.