ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީންސުރެ އެދީނަކަށް އަޅުކަންކުރަމުންއައި ބުޑިސްޓުދީން ދޫކޮށް ދިވެހި ދައުލަތުން ރަސްމީގޮތުން އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު (1153 މ. ޖޫން) މަހުގެ ތެރޭގައެވެ.
ރަސްމީގޮތުން ދިވެހި ދައުލަތުން ޤަބޫލު ކުރައްވާގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަޣްރިބުކަރައިގެ މައުލާނާ އަލްޙާފިޒު އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއެވެ. އެކަލޭގެފާނަކީ ހިޖުރައިން ހަވަނަ ޤަރުނުގެ ތެރޭގައި އިސްލާމްދީނަށް ނުހަނު ގިނަގުނަ ޚިދުމަތްކުރެއްވި މާތް ވަލީވެރި ބޭކަލެކެވެ.
548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު މުޅި ދިވެހި އުންމަތް އިސްލާމްދީނަށް އެނބުރުނީއްސުރެ އަދިއަދަށް ދާންދެންވެސް މިރާއްޖޭގައި މިއޮތީ އިސްލާމް ދީނެވެ. ރާއްޖޭގެ މީސްތަކުން އިސްލާމްވީއްސުރެ ދިވެހިންނަކީ ދީނަށް ޙުރުމަތްތެރިކޮށް ހިތާ އިޢުތިޤާދު ހަރަދަނާ ބައެކެވެ.
ކޮންމެއަކަސް ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ވަރަށް ކުރީކޮޅުއެވެ. ވަޒީރުންގެ މަޖިލީހުން ކުޅަ ފާސްކުޅައުމެއްގެ މަތީން ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ގެ ނޮވެންބަރު 28 އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށްފަހު އޭގެ 33 އަހަރު ފަހުން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ 5 ވަނަ ދައުރުގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރައްވާގޮތަށް ދައުލަތުން ކަނޑައެޅުއްވިއެވެ. އަލުން މިދުވަސް ފާހަގަކުރައްވާގޮތަށް ނިންމެވީ ރާއްޖެ އިސްލާމްވި ދުވަހަކީ ޤައުމީ ގޮތުން ފާހަގަކުރާ ދުވަހެއްކަމުގައި ހަމަޖެއްސުމަށް 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހުއޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވުމާ ގުޅިގެންނެވެ. އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރެއްވުމަށް ފެނިވަޑައިގަންނަވާތީއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.