މި ސެކްޝަނަކީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ހުއްދަ ދިނުމާއި، މިކަމާ ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސެކްޝަނަކެވެ. މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންނަށް ވަރކް ޕަރމިޓް އަދި ވޯކް ސައިޓް ކޯޓާ ދޫކުރުމާއި، ވަޒީފާދޭ ފަރާތްތަކުގެ ރެޕްރެޒެންޓޭޓިވް ސިސްޓަމްގައި އައްޔަނު ކުރުން ހިމެނެއެވެ. ވަޒީފާ ދޫކުރުމުގައި މަކަރާއި ހީލަތް ހެދުން އަދި ހިއުމަން ޓްރެފިކިންގއަށް މަގުފަހިވެދާނެ ޙާލަތްތައް ދެނެގަތުން ހިމެނެއެވެ.
މި ސެކްޝަނުން ކުރާ އިތުރު މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންނަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ހިންގުމާއި، ޑޮކިއުމަންޓް ނެތް މަސައްކަތްތެރިންނަށް ރަސްމީ ލިޔެކިޔުން ހޯދުމަށް މަގުފަހިކުރުންވެސް ހިމެނެއެވެ. އެމްޕްލޯއިމަންޓް އެޖެންސީތައް ރެޖިސްޓަރީކޮށް ބެލެހެއްޓުމާއި، އެޖެންސީތަކަށް ހުއްދަ ދޫކުރުމާއި، އެމްޕްލޯއިމަންޓް ގަވާއިދުތަކަށް ތަބާވާ މިންވަރު މޮނިޓަރކުރުމަކީ ވެސް މި ސެކްޝަނުގެ މުހިއްމު މަސައްކަތްތަކެކެވެ.
ސެކްޝަނުގެ އަމާޒަކީ ދިވެހިރާއްޖޭގެ މަސައްކަތުގެ ވެށި ހަރުދަނާކޮށް، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު، އެކަށީގެންވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ހުއްދަ ދިނުމާއި ގުޅުންހުރި ކަންކަން ހިންގުމެވެ.
ޔޫޒަރ ރަޖިސްޓްރޭޝަން އެންޑް ރިލޭޝަން މެނޭޖްމަންޓް ޔުނިޓު
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރާ ސިސްޓަމްގައި ރަޖިސްޓަރީ ކުރުމާއި ވަޒީފާދޭ ފަރާތްތަކުގެ ރިޕްރެޒެންޓޭޓީވް ސިސްޓަމްގައި އައްޔަނު ކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ މި ޔުނިޓްގެ ދަށުންނެވެ.
އެކްސްޕެޓްރިއޭޓް ވޯކް ސައިޓް މެނޭޖްމަންޓް ޔުނިޓު
މި ޔުނިޓުގައި މައިގަނޑު ގޮތެއްގައި ފޯކަސް ކުރަނީ އެކްސްޕެޓްރިއޭޓް ވޯކް ސައިޓްތައް ރަޖިސްޓްރީ ކުރުމާއި ގުޅުންހުރި ސަބް ސާވިސަސްތައް ޕްރޮސެސްކުރުމަށެވެ. ވޯކްސައިޓް ކަމަށް ބުނެފައި އެވަނީ، ވަކި ހަރަކާތެއް ހިންގަމުންދާ ތަނެއް /އުޅަނދުފަހަރަށް ކޯޓާ ދޫކުރާ އަދި ވޯކް ޕާމިޓް ހޯލްޑަރުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބޭ ތަނަކަށެވެ.
އެކްސްޕެޓްރިއޭޓް ކޯޓާ މެނޭޖްމަންޓް ޔުނިޓު
މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ބޭނުންވާ ކޯޓާ ދޫކުރުމާއި، ކޯޓާ ކޮމިޓީއާ ގުޅުންހުރި މަސައްކަތްތައް ކުރުމެވެ. މީގެއިތުރުން، އަލަށް އެކުލަވާލެވޭ ކޯޓާ ޕޮލިސީއާ ގުޅިގެން އުސޫލުތައް އަޕްޑޭޓްކުރުމާއި، ކޯޓާ އެޕްލިކޭޝަންތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމެވެ. އަދި ކޯޓާ ދިނުމުގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި ހިއުމަން ޓްރެފިކިންގ އަށް މަގުފަހިވެދާނެ ޙާލަތްތައް ދެނެގަނެ، ކަމާބެހޭ ޔުނިޓްތަކާ ގުޅިގެން ބަލައި ފާސްކުރުމާއެކު، ޔުނިޓުގެ މަސައްކަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު މެދުކެނޑުމެއްނެތި ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރުމެވެ.
ވޯކް ޕަރމިޓް މެނޭޖްމަންޓް ޔުނިޓު
މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރުމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމެވެ. މީގެތެރޭގައި ވަރކް ޕަރމިޓަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުމާއި، އެޕްލިކޭޝަންތަކާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުން ހިމެނެއެވެ. އަދި ވަރކް ޕަރމިޓް ދޫކުރުމާގުޅޭ އިދާރީ މަސައްކަތްތައް ކުރުމާއެކު، ޔުނިޓުގެ މަސައްކަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު މެދުކެނޑުމެއްނެތި ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރުމެވެ.
އެކްސްޕެޓްރިއޭޓް ރެގިއުލަރައިޒޭޝަން ޔުނިޓު
މި ޔުނިޓަކީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރަމުންދާ ބިދޭސީ މަސައްކަތްތެރިން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމަށް މަސައްކަތްކުރާ ޔުނިޓެކެވެ. މި ޔުނިޓުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން، ޑޮކިއުމަންޓް ނެތް ބިދޭސީންނަށް، އެ ފަރާތްތަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތައް ހޯދުމަށް މަގުފަހިކޮށްދެވެއެވެ. މީގެއިތުރުން، ވަޒީފާދޭ ފަރާތްތަކަށް، ރަޖިސްޓަރީކޮށްފައިވާ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ ފުރުޞަތު ތަނަވަސްކޮށްދެވެއެވެ.
އެމްޕްލޯއިމަންޓް އެޖެންސީ މެނޭޖްމަންޓް ޔުނިޓު
އެމްޕްލޯއިމަންޓް އެޖެންސީ މެނޭޖްމަންޓް ޔުނިޓަކީ ދިވެހިރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރެޖިސްޓަރީކޮށް ބެލެހެއްޓުމާއި ރެގިއުލޭޓްކުރާ ޔުނިޓެކެވެ. މި ޔުނިޓުން އެޖެންސީތަކަށް ހުއްދަ ދޫކުރުމާއި، ގަވާއިދުތަކަށް ތަބާވާ މިންވަރު މޮނިޓަރކުރުމާއި، އެޖެންސީތަކުގެ ޕާފޯމަންސް ބަލައި މެރިޓް ސިސްޓަމެއް ޤާއިމުކުރުމާއި، އިދާރީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރެއެވެ. މި ޔުނިޓުގެ މަޤްޞަދަކީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުގެ ދާއިރާ ހަރުދަނާކޮށް، ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ހިންގުން ކަށަވަރުކުރުމެވެ.