އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއަކީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިމަޝްރޫއު ފެށުމާއެކު މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވިގެންދާނެ ދުވަހެއް ކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަށަވަރުކަމާއެކީ ދެއްވާނެކަމުގެ ޔަގީންކަމަކީ ރައީސް ދެއްވާފައިވާ ޔަގީންކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާ ގާތުން އައިޑީކާޑް ޕްރިންޓްކޮށް، ދޫކުރުމާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށިގެންދިޔުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.
"ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ރާއްޖޭގެ އެއްވެސް ކަންކޮޅަކުން އެޕްލިކޭޝަނެއް އައުމުން އެ އެޕްލިކޭޝަން ޕްރޮސެސްކޮށްފައި ޕްރިންޓާއި ހިސާބަށް ދިޔައިމަ ހަމައެކަނި އެ ޕްރިންޓް އޮޕްޝަންދީފައި، އޮތޮރައިޒް ކުރެވޭ އައިޑީކާޑު އެކަނި ޕްރިންޓް ކުރެވޭގޮތަށް އަތޮޅުތަކަށް ފުރުސަތު ދީފައި އޮންނާނީ. މައުލޫމާތު ރައްކާތެރިވެގެންދާނެ. އެއްވެސް އިތުރު ކާޑެއް ޕްރިންޓެއް ނުކުރެވޭނެ. ކާޑެއް ދެ ފަހަރަކަށް ޕްރިންޓެއް ނުކުރެވޭނެ. މިކަންކަން އަޅުގަނޑުމެން ވާނީ ޔަޤީންކޮށްފައި. ވަޒީރު"
މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢަކީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅުގެ ޔަގީންކަން ކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެ އަލިގަދަ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ދާޚިލީ ވުޒާރާއާ ހަވާލުކުރެއްވި ހިސާބުން މި މަސައްކަތުގެ ފޮނި ނަތީޖާ ހާސިލްކުރެވިގެންއައީ ޑީއެންއާރު ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ ބުރަ މަސައްކަތުން ކަމަށެވެ.