28-10-2024

"ޖިނާއީ އެކި މައްސަލަތައް ތަންފީޒުކުރުމުގައި ފުލުހުން އަމަލުކުރާނީ އިޖުރާއަތުގައި އޮތް ޤަވާއިދުގެ ދަށުން"

ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ އެކި މައްސަލަތައް ތަންފީޒުކުރުމުގައި ފުލުހުން އަމަލުކުރާނީ އިޖުރާއަތުގައި އޮތް ޤަވާއިދުގެ ދަށުން ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

 

މެމްބަރު ވަނީ މިއަދުގެ ޖަލްސާގައި ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައިވޭތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

 

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ އެކި މައްސަލަތައް ތަންފީޒުކުރުމުގައި އަމަލުކުރާނީ އިޖުރާއަތުގައި އޮތް ޤަވާއިދުގެ ދަށުން ކަމަށާއި، ޕްރޮސެކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން އަމަލުކުރާ ހާއްސަ އުސޫލެއް ފައިސާއާ ދޭތެރޭގައި އޮންނަ ކަމަށެވެ.

 

"ޖިނާއީ މައްސަލަތަކުގެ އެކިކަންކަމާއި ގުޅޭގޮތުން ފުލުހުންގެ އެކިއެކި ބަހާތަކަށް ނެގޭ ފައިސާ އޭގެ ދިވެހި ރުފިޔާ ކަމަށް ވަނީނަމަ، 24 ގަޑިއިރުތެރޭގައި ފުލުހުންގެ ހެޑް ކުއާޓާތައް ގެނެސް، ފުލުހުންގެ މައި މަރުކަޒު ތެރެއިން ފައިސާގެ ކަންކަން ބަލަހައްޓާ އިދާރާ އަދި ބަހާގެ ބެލުމުގެ ދަށުން އެމްއެމްއޭގެ ގާއިމްކޮށްފަ ހުންނަ، ވަގުތީ އެކައުންޓަކަށް ދިވެހި ފައިސާ ޖަމާކުރެވޭ. ވަޒީރު އިޙްސާން"

 

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ތަހުޤީޤަށް ބޭރު ފައިސާއެއް ނަގައިފިނަމަ، ފުލުހުންގެ އިދާރާގައި އެކަމަށް ގާއިމުކުރެވިފައި ހުންނަ ޚާއްސަ، ސޭފެއްގައި ފައިސާ ބެހެއްޓޭނެ ކަމަށެވެ. އަދި ޖިނާއީ މައްސަލަ ނިމި ކޯޓުން ވަކިގޮތެއް އަންގަންދެން އެ ފައިސާއާ ދޭތެރޭ އަމަލުކުރާނެ ގޮތެއް ކަނޑައެޅިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

"އެ ފައިސާއަކީ ފުލުހުންގެ އިދާރާގެ އިސްވެރިންނާއި ދައުލަތުގެ އިދާރާގެ އިސްވެރިއަކު ބޭނުންވެއްޖެނަމަ އުސޫލުގެ ތެރެއިން އޮޑިޓްކުރެވި ރައްކާކުރެވިގެންދާ އެއްޗެއް. ވަޒީރު އިޙްސާން"

 

މިނިސްޓަރ ވިދާޅުވީ ކަސްޓަމްސްގައި އޮންނަ އުސޫލަކީ މަނީ ލޯންޑަރިން ފަދަ މައްސަލައެއްގައި ހިފެހެއްޓޭ، ފައިސާ ކަމުގައި ވިޔަސް، ކޯޓު މަރުހަލާއަށް ހަމައަށް ދެވެންދެން ކަސްޓަމްސްގެ އެކަމަށް ޚާއްސަކޮށްފައި ހުންނަ ތިޖުރީގައި އެފައިސާ ރައްކާތެރިކަމާއެކު ބެހެއްޓުން ކަމަށެވެ. އަދި އެ ފައިސާވެސް އޮޑިޓްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

 

ކަސްޓަމްސް އިން އެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާއާމެދު އަމަލުކުރަމުންގެންދާ ނިޒާމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ ފައިސާ ބަލަހައްޓަނީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ކަމަށެވެ.