28-10-2024

ކުރީ ސަރުކާރުން މެލޭޝިއާގެ ބެސްޓިނެޓަށް 8 ސިޓީއެއް ބަދަލުކޮށްފައިވޭ: ވަޒީރު އިޙްސާން

ކުރީ ސަރުކާރުން މެލޭޝިއާގެ ބެސްޓިނެޓަށް 8 ސިޓީއެއް ބަދަލުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

 

މެލޭޝިއާގެ ބެސްޓިނެޓަށް ދައުވާނުކޮށް 6.9 ބިލިއަން ރުފިޔާ ދައުލަތުން ހޭދަވާ ގޮތަށް އެކްސްޕެޓް ސިސްޓަމް ދެވުނު ގޮތުގެ ތަފްސީލް ހޯދުމަށް މެމްބަރު ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ދާޚިލީ ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން މެލޭޝިއާގެ ބެސްޓިނެޓަށް 8 ސިޓީއެއް ބަދަލުކޮށްފައިވާ ކަމަށާއި އަދި ލޯފާމުތަކުން ހަތަރު ފަހަރެއްގެ މަތިން ކްލެއިމް ކުރުމަށް އެދިފައިވާ ކަމަށެވެ.

 

"އަޅުގަނޑުމެންނާއި ހަވާލުވެ ބެލިބެލުމުން އެނގުނީ އޭރުގެ އޭޖީގެ ލަފައެއް މިކަމަށް ބަދަލުދިނުމުގެ މަރުހަލާ ފެއްޓުމަށް ކަނޑައަޅުއްވާފަ އޮތް. އަދި ހަމައެހެންމެ އޭރު ރައީސް އޮފީހުގެ ސިޓީފުޅެއް އެބައޮތް މިކަމުގަ ބަދަލު ދިނުމުގެ މަރުހަލާއެއް އަތުވެދާނެ ކަމަށް އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފަވޭ. މިއީ ހަމަ ތަނެއްގަ ކުނފުންޏެއް އޮއްވާ އަޅުގަނޑުމެން އެ ކުންފުނި ހޯދައިގެން ކުރި ކަމެއްނޫން. ދާޚިލީ ވަޒީރު"

 

ބެސްޓިނެޓުން ދިވެހި ސަރުކާރާއެކު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އެނގެންއޮތްގޮތުން ކުންފުންޏަށް 2019 ވަނަ އަހަރުން ފެށިގެން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި 13.7 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައިވާ ކަމަށް މިނިސްޓަރ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

 

އެކަމަށް އިޝާރާތްކުރައްވާ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދައުލަތަށް ކުރިން ލިބެމުން އައީ ހަސަތޭކަ މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ދައުލަތަށް މިހާރު ނުވަސަތޭކަ މިލިއަން ރުފިޔާ އެގްރިމަންޓް ހެދިގެން އަންނައިރު ލިބޭނެ ކަމަށެވެ.

 

މިނިސްޓަރ ވަނީ ނެޝެނަލް ސެކިއުރިޓީއާ ގުޅޭ މިފަދަ ހައްސާސް މައްސަލަތަކުގައި ހަގީގަތާ ޚިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް މެމްބަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

 

ވަޒީރު ވަނީ 2019 ވަނަ އަހަރު، ބަންގްލަދޭޝްއިން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫން ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ. އެހެންކަމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022 ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.

 

އޭރު ކުރެވިފައި ހުރި މުޢާމަލާތްތަކަށް ބަލާއިރު އޭރު ޢަމަލުކުރަމުންދިޔަ ސެޓްލްމަންޓް އެގްރީމަންޓްގެ ތެރެއިން އެމީހުންނަށް ބަދަލުދޭން ނިންމާފައި އޮތްކަން ހާމަވާކަމަށާއި، ނަމަވެސް މިހާތަނަށް އެ ކުންފުންޏަށް ބަދަލެއް ދީފައިނުވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު ސެޓްލްމަންޓް ކޮމިޓީ އުވާލާފައިވާތީ މިކަމުގައި އެކުންފުންޏާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ ހައްލުކުރާނެ ގޮތްތަކެއް ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގަތީ ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމަކާ ގުޅިގެން ކުރަން ހުށަހަޅާފައިވާ ސުވާލަށް ޖަވާބުދާރީވެވަޑައި ގެންނެވުމަށެވެ.

 

މި ސުވާލު ކުރައްވަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ.