އިސްލާމްދީން ގަބޫލުކުރާ ޤައުމެއްގަ ކުރެވޭނެ އެންމެ މާތް ކަމަކީ މިސްކިތްތައް ބިނާ ކުރުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ މަސްޖިދުލް ޔޫސުފް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މިސްކިތެއް ބިނާކުރުމަކީ ވަރަށް މާތް ކަމެއް ކަމަށާއި އިސްލާމްދީން ގަބޫލުކުރާ ޤައުމެއްގަ ކުރެވޭނެ އެންމެ މާތް ކަމަކީ މިސްކިތްތައް ބިނާކުރުން ކަމަށް ވިދާޅުވެފައެވެ.
މިސްކިތްތައް ބިނާ ކުރުމުގަ ލިބޭ މާތްކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އައްސޭރި ޖަލުގަ މިސްކިތެއް ހުޅިވިގެންދިޔުމުން ޤައިދީން އަދި ޖަލު އޮފިސަރުންނަށް ނަމާދު ކުރުމުގެ އިންތިޒާމް ފަހިވެގެން މިދިޔައީ ރައީސްގެ އެންގެވުމާއިއެކު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ވަރަށް ބޮޑު އިސްނެއްގެވުމެއްކަން ފާހަގަކުރައްވާފައެވެ.
"މިސްކިތް އެޅުމުގަ ބުރަކޮށް މަސައްކަތްކޮށްދެއްވި ޤައިދީންނާއި ޖަލު އޮފިސަރުންނަށް ޙާއްސަ ޝުކުރެއް ދަންނަވަން. ވަޒީރު އިޙްސާން"
މިނިސްޓަރ ވަނީ މިފަދަ މާތް މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދިޔުމަކީ ކުރައްވާ އުންމީދެއްކަމަށްވެސް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ބަންޑާރަ ނައިބު އަލްއުސްތާޒް އަޙުމަދު އުޝާމްގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްޖިދުލް ޔޫސުފް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒްއެވެ.