29-09-2024

މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ: ލުބްނާ

މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު އެދިވަޑައިގެންފިއެވެ.

 

ލުބްނާ މިކަމަށް އެދިވަޑައިގަތީ ރަށްރަށުގައި ކުށްމަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" އިފްތިތާޙް ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުބްނާ ވަނީ ދާޚިލީ ވުރާޒާއާ ގުޅިގެން މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށް ވިދާޅުވެފައެވެ.

 

ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ ދާޚިލީ ވުޒާރާއަކީ ވަރަށް ގިނަ ދާއިރާތަކެއްގެ ބެލެނިވެރިކަން ކުރާ ވުޒާރާއެއް ކަމަށެވެ.

 

ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ޖެހޭ ސަބަބަކީ ރައްޔިތުންގެ އުފާވެރިކަމާއި، އަމާންކަމާއި، ރައްކާތެރިކަމާ ގުޅިލާމެހިފައިވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއާ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

 

މި މަސައްކަތަކީ ހަމައެކަނި ކުށް މަދުކުރުމަށް ކުރާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވީ ކޮންމެ ރަށަކީވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

 

"އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ކުރެވޭނީ ކައުންސިލް ކަހަލަ އިދާރާއަކާއި އަޅުގަނޑުމެންނާއި ގުޅިގެން. ސަރުކާރުގަ ވަރަށް ބައިވަރު ރިސޯސްތައް ހުރޭ. އެ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރެވޭނީ ކައުންސިލަކާ ވުޒާރާއަކާ ގުޅިގެން ތަންފީޒުކުރަން މަސައްކަތްކޮށްގެން ކަމަށް މިއަދު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު"

 

މީގެ އިތުރަށް ތިނަދޫ ސިޓީ ކައުންސިލުން މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ކޮންޓެރެކްޓް އުސޫލުން ފަހިކޮށްދެއްވާތީ ލުބްނާ ވަނީ އެކަމަށްޓަކައި ތިނަދޫ ސިޓީ ކައުންސިލަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

 

ދާޚިލީ ވުޒާރާއިން ގ.ދ އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫތަކުގެ މަޤްޞަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް ދާޚިލީ ވުޒާރާއެކު މަސައްކަތް ކުރަމުންދާއިރު ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.

 

ހުވަދު އަތޮޅު ދެކުނުބުރީގައި މިމަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއި އެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ޤާއިމްކުރުމެވެ.

 

އަދި މި އެއްބަސްވުންތަކާއެކު، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ޤާބިލިއްޔަތުކަން ހުރިމިންވަރަކުން މަސައްކަތް ކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް އެވުޒާރައިން ފާހަގަކުރެއެވެ.