ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގަތް ގޮތަށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަކީ ހޯމްޓީމުގެ އަމާޒު ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި މިއަދު ފެއްޓެވުމަށް ފަހު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު މާލެ ފިޔަވައި އެހެން ރަށެއްގައި ޕްރިންޓް ކުރެވޭ ގޮތް ސަރުކާރުން ހެއްދެވިއިރު ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކޮށް، ހަވާލުކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ.
ވިލިނގިލީގައި އައިޑީކާޑުގެ ޚިދުމަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒު ވިލިނގިއްޔަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ވިލިނގިލީގައި އައިޑީކާޑުގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ދާޚިލީ ވުޒާރާއަށް މަތިކޮށްފައިވާ އެއް ޒިންމާއަކީ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ގާތުން ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން. އެގޮތުން ވަކިން ޚާއްސަކޮށް އައިޑީކާޑުގެ ޚިދުމަތާއި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް، ރަށްރަށުގައި ތިބެގެން ވީހާވެސް ގާތުން ލިބޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނާއި މަތިކޮށްފައިވާ ޒިންމާއެއް. އެގޮތުން އަތޮޅު ތެރޭގައި އައިޑީކާޑުގެ ޚިދުމަތް ޕްރިންޓްކުރެވި އެތަނަކުން އިޝޫކުރެވޭ ނިޒާމެއް ގާއިމްވެގެން މިދަނީ ގއ. ވިލިނގިލީގަ. ދާޚިލީ ވަޒީރު"
ވަޒީރު ވިދާޅުވީ މިފަދަ ޚިދުމަތެއް ވިލިނގިލީގައި ފެށިގެން ދިޔައީ ގއ. އަތޮޅު ކައުންސިލުން ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި ކަމެއް ހާސިލްކުރުމަށްޓަކައި އެއް ޓީމެއްގެ ގޮތުގައި ގއ. އަތޮޅު ކައުންސިލުން ދެއްކެވީ ރީތި މިސާލެއް ކަމަށެވެ.